ޑރ. ޖޫލިއަން އެމަނުއެލް، 48 ލަންކާއަށް ދިޔައީ ލަންކާގައި ތިބި އޭނާގެ އާއިލާ އާއި ރައްޓެހިންނާ އެކީ ވަގުތު ހޭދަކޮށްލުމަށެވެ. އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅެމުން އަންނަ ޖޫލިއަން އާއި އަނބިމީހާ އާއި ދަރިންނާ އެކީގައި ލަންކާއަށް ދިޔައީ މި ހަފްތާ ތެރޭގައެވެ. އޭނާގެ ޅަ ދުވަސްވަރު ހޭދަކޮށްފައި ވަނީ ސްރީލަންކާގައެވެ. އުމުރުން 18 އަހަރުގައި ލަންކާ ދޫކޮށް ދިއުމަށް ފަހު އޭނާ ލަންކާއަށް ދަނީ ހަމައެކަނި ޗުއްޓީއަށެވެ.
ލަންކާގެ ސިނަމަން ގްރޭންޑް ހޮޓެލްއަށް ހަމަލާ ދިން އިރު އޭނާ އާއި އާއިލާ ތިބީ އެވަގުތު ނިދާފައެވެ. ޖޫލިއަން ބުނީ އޭރު ވާނީ ލަންކާ ގަޑިން ގާތްގަނޑަކަށް ހެނދުނު 8:30 ހާއިރު ކަމަށެވެ.
"އެއަޑާ އެކު އަހަރެމެން އަވަސް ވެގަތީ ހޮޓެލްގެ ލޯންޖަށް ދާން. ލޯންޖަށް ދިއުމުން ފެނުނީ އަނިޔާ ވެފައިވާ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް މީހުން އަވަދިނެތި އުޅޭތަން،" ޖޫލިއަން ކިޔައިދިނެވެ.
އެ ހޮޓެލްގައި ބޮމެއް ގޮއްވާލައިގެން އުޅޭކަން ޖޫލިއަން އަށް އެނގުނީ އެ ހޮޓެލްގެ މުއައްޒަފަކު ވެގެން އުޅޭ ގޮތް ކިޔައި ދިނުމުންނެވެ. އަދި ފައްޅީގައި ވެސް ބޮން ގޮއްވައިގެން އުޅޭކަން އެނގުނީ އޭނާގެ ރައްޓެހިންތައް ފޮޓޯ ފޮނުވަން ފެށުމުންނެވެ.
ޖޫލިއަން ބުނީ މަންމަ އާއި އާއިލާއާ އެކު ފައްޅިއަށް ދާން ތައްޔާރު ވިކަމަށެވެ. އެހެން ނަމަވެސް ފައްޅީގެ ޚިދުމަތް ކެންސަލް ކޮށްފައިވާކަން އެނގުނު ހިސާބުން މާޔޫސްވި ކަމަށެވެ.
ޖޫލިއަން އޭނާގެ އުމުރުން 18 އަހަރު ވަންދެން އުޅުނީ ލަންކާގައެވެ. އޭރު އެއީ ލަންކާގެ އެންމެ ހަމަނުޖެހުން ބޮޑު ދުވަސްވަރެވެ. ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ލަންކާ ސަރުކާރުން ކުރި ހަނގުރާމަ ނިމުމަކަށް ގެނެސްފައި ވަނީ 2009 ވަނަ އަހަރުއެވެ. ދިގުދެމިގެން ދިޔަ އެހަނގުރާމަ ހުއްޓާލީ ގާތްގަނޑަކަށް 25 އަހަރުގެ ދިގު މުއްދަތަކަށް ފަހުއެވެ. އެ ހަނގުރާމަ ހިނގައިދިޔައިރު ޖޫލިއަން އުޅުނީ ލަންކާގައެވެ. އަދި ހަނގުރާމަ ހުއްޓާލާފައި ވަނީ އޭނާ އިނގިރޭސިވިލާތަށް ބަދަލުވި ފަހުންނެވެ.
ޖޫލިއަން ބުނީ އޭނާގެ ދެ ދަރިންނަކީ 11 އަހަރާއި ހަތް އަހަރުގެ ކުދިން ކަމަށާއި ދުވަހަކު ވެސް އެކަލަ ކަމެއް އެ ކުދިން ދެކެފައި ނުވާ ކަމަށެވެ. އަދި ލަންކާގެ ހިނގައިދިޔަ ހަމަނުޖެހުންތައް ވެސް އެ ކުދިންނަށް ފެނިފައި ނުވާނެ ކަމަށެވެ. އޭނާގެ އަންހެނުންނަށް ވެސް އެފަދަ ހާދިސާއެއް ފެނިފައި ނުވާ ކަމަށާއި ލަންކާގެ ބޮން ގޮއްވުމުގެ ހާދިސާއާ ގުޅިގެން މުޅި އާއިލާ ތިބީ އުނދަގޫ ކަމެއްގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.
ޖޫލިއަން ބުނީ ޓައިގަރުންނާ ދެކޮޅަށް ކުރި ހަނގުރާމަ ނިމުމަކަށް އައުމުން ލަންކާގައި ދެން އެފަދަ ހަމަނުޖެހުމެއް ހިނގާނެ ކަމަށް ހީވެފައި ވެސް ނެތް ކަމަށެވެ. އަދި ދާޚިލީ ހަނގުރާމަ އަށް ފަހު މިދިޔަ ދުވަސްތައް ދިޔަލެއް އަމާން އޮމާންކަމުން އެފަދަ ކަމެއް ދެން ތަކުރާރުވާނެ ކަމަށް ހިތަށް ވެސް އަރާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"މިއީ ވަރަށް ހިތާމަވެރި ކަމެއް. މިކަހަލަ ކަމެއް ލަންކާ އިން އަލުން ފެނިދާނެ ކަމަށް އުއްމީދެއް ނުކުރަން،" ލިއަން ބުންޏެވެ.
25 އަހަރުވީ ދިގު ހަނގުރާމަ ނިމުނު ފަހުން މިއަހަރު 10 އަހަރު ފާހަގަ ކުރުމަށް ލަންކާއިން ތައްތާރުވަމުން އަންނައިރު އަލުން އެހަމަލާތައް ފެށުނު ކަމުގެ ބިރުވެރިކަން އެ ގައުމަށް ވަނީ ފެތުރިފައެވެ. ނަމަވެސް މިއީ ވަކިވެގަތުމަށް މަސައްކަތްކުރާ ބައެއްގެ ހަމަލާއެއް ކަން ނުވަތަ ހައްދުފަހަނަ އަޅާފައިވާ ކޮން ޖަމާއަތެއްގެ ހަމަލާއެއްކަން އަދި ވަނީ ކަށަވަރުނުކުރެވިއެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓުންގެ ހަމަލާއެއް ކަމަށް ބެލެވެއެވެ.