ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ގާއިމްކުރި ''ރަށު މާރުކޭޓު'' ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފައިވާއިރު އެ މާރުކޭޓުގެ މަސައްކަތް ކުރިއަތް އޮތް މަހެއްހާ ދުވަސްތެރޭގައި ފެށޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އަންގާރަ ދުވަހު ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެ ކުންފުނީގެ އެސްޓޭޓް ސޭލްސް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރު ޝާޒިމް ސައީދު ވިދާޅުވީ ރަށު މާރުކޭޓުގެ މަސައްކަތް ކުރިއަތް އޮތް މަހެއްހާ ދުވަސްތެރޭގައި ނިމި، އެތަނުން ހިދުމަތްދޭން ފަށާނެ ކަމަށެވެ. އަދި އެތަނުގައި ދެ ސޮވެނިއަރ ޝޮޕް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީން ބުނީ ރަށު މާރުކޭޓަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯމަހުގެ ބާވަތްތައް ފަސޭހަކަމާ އެކު ހެޔޮއަގުގައި އެއް ތަނަކުން ލިބޭނެ މަގުފަހިކޮށްދިނުމަށް ހުޅުމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ފަރާތު ސަރަހައްދުގައި ގާއިމްކުރި ތަނެއް ކަމަށެވެ.
މޭވާ އާއި ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތައް (ޑްރައި ސްޓޯލް)ތަކަށް ބޮޑުމިނުގައި 69.45 އަކަފޫޓުގެ 37 ގޮޅި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި 69.45 އަކަފޫޓުގެ 20 ގޮޅި ޚާއްސަކޮށްފައިވަނީ ރޯމަހުގެ ބާވަތްތައް (ވެޓް ސްޓޯލް) ތަކަށެވެ.
ރަށު މާރުކޭޓު ގޮޅި ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަކީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުމާއި، މަދުވެގެން ހަ މަސް ވެފައިވާ ވިޔަފާރިއެއް ކަމުގައި ވުމެވެ. އަދި މި ކެޓެގަރީއަށް ޕްރައިވެޓް ކުންފުނި އަދި ޕަބްލިކް ކުންފުނިތަކަށް ފޯމް ހުށަނޭޅޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ގޮޅި ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމު އެޗްޑީސީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބޭނެ ކަމަށެވެ. އަދި ފޯމު ބަލައިގަތުން ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު 9:00 އިން 15:00 އާއި ދެމެދު ކަމަށާއި، ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަންނާނެ ކަމަށެވެ.