Advertisement
ކ. މާލެ
|
14 އޭޕްރިލް 2019 | އާދީއްތަ 07:42
ފަލަސުރުހީ ޕްރޮގްރާމްގައި ހުވަދޫ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވާހަކަ ދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި ހުވަދޫ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަސުރުހީ
ކައުންސިލްތައް ބާރުވެރި ކުރެވޭނީ މާލީ ބާރުވެރިކަންދީގެން: ފުއާދު
މާލީ ބާރުވެރިކަން ކައުންސިލްތަކަށް ނުލިބި ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ

ކައުންސިލްތައް ބާރުވެރި ކުރެވޭނީ މާލީ ބާރުވެރިކަން ދީގެން ކަމަށް ހުވަދޫ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ކައުންސިލްތަކަށް ބާރުވެރިކަން ދިނުމުގެ އިތުރުން މާލީ ބާރުވެރިކަން ދޭންޖެހޭ ކަމަށެވެ. އަދި އެ މާލީ ބާރުވެރިކަން ކައުންސިލްތަކަށް ނުލިބި ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ކޮންމެހެން ބާރުތަކެއް ދިނުމެއް ނޫން، މާލީ ބާރުވެރިކަން ދިނުން. މާލީ ބާރުވެރިކަން ނެތި ކައުންސިލްތަކަށް ކުރެވޭނެ މާބޮޑުކަމެއް ނެތް. އަދި އެ ބާރުވެރިކަމުގެ އިތުރުން ކައުންސިލްތަކަށް އިހްތިޔާރުތަކެއް ލިބެންޖެހޭ. ކައުންސިލްތަކަށް އެ ކައުންސިލްގެ ދައުރު އިނގެންޖެހޭ. އަޅުގަނޑުމެންނަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަދި އެމްބަސީތައް މެދުވެރިކޮށް ވިޔަސް، ރާއްޖެއިން ބޭރަށް ގޮސް އެ ތަންތާނގައި ހުންނަ ތަރައްޤީގެ ޕްރޮގްރާމްތައް އަދި ހިލޭ އެހީ އާއި އެހެނިހެން ކަންކަން ސީދާ އަތޮޅަށް ގެނެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ އެޖެންޑާ 19 ތެރެއިން އެކަންތައްތައް ވެގެންދާނެ ކަމަށް. އެ ބާރުވެރިކަން ލިބިގެން އަޅުގަނޑުމެންނަށް އަތޮޅުތައް ތަރައްޤީ ކުރެވޭނީ," ފުއާދު ވިދާޅުވިއެވެ.

ހުވަދޫ އަތޮޅުގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާ އެންމެ އިންސައްތައަކަށް ވެސް ނުލިބޭކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ އެ މަންފާތައް ހޯދުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.  

ކައުންސިލްތައް ހިންގުމުގައި ދަތިތައް ކުރިމަތިވާ ކަމަށާއި ކައުންސިލްތަކަށް ޤާނޫނީ ބާރުވެރިކަން ލިބުމުން އެކަންތައްތައް ހައްލުވެގެންދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އަތޮޅުތައް ތަރައްޤީ ކުރެވޭނީ އެ އަތޮޅުތަކުގެ ކައުންސިލްތަކަށް ޤާނޫނަކުން ބާރުވެރިކަން ލިބިގެން ކަމަށާއި ކަންތައްތައް ކުރުމުގެ އިހްތިޔާރު އަތޮޅުތަކަށް ދޫކޮށްލަންޖެހޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

"ހުރިހާ ކަމެއް ކުރުމުގެ އިހްތިޔާރު އަތޮޅުތަކަށް ދޫކޮށްލަންޖެހޭ. ސަރުކާރުން މިހާރު މި ޕްރެކްޓިސް ކުރާ އުސޫލަކީ ކައުންސިލަކީ ރައްޔިތުން އިހްތިޔާރު ކޮށްފައި ތިބޭ ބައެއް. އެހެންނަމަވެސް ކައުންސިލްތަކުގައި މި ކުރާ މަސައްކަތްތައް ކުރަނީ މިނިސްޓްރީތަކަށް ބަހާލެވިގެން. އެ ބޭފުޅުންނަކަށް އިހްސާސެއް ނުކުރެވޭ އަޅުގަނޑުމެންގެ އަތޮޅު ތެރޭގައި ހުންނަ ދަތިތަކެއް. ރައްޔިތުންގެ މަންދޫބުންނަށް އެކަން މާ ރަނގަޅަށް އިނގި، ކައިރިން ވެސް ބަލާލެވޭނެ. އަޅުނގަޑު ޤަބޫލުކުރަނީ ރައްޔިތުންގެ މަންދޫބުންނަށް އެ އަތޮޅެއް އެ ރަށެއް ތަރައްޤީ ކުރުމުގެ އިހްތިޔާރު ދީގެންނޭ މިކަން ކުރެވޭނީ," ފުއާދު ވިދާޅުވިއެވެ.  

ރާއްޖޭގެ އެތެރޭގެ އުދުހުންތަކެއް އަގު ހެޔޮ ކުރުމުން ލޯކަލް ޓުއަރިޒަމްއަށް އެކަމުގެ މަންފާ ކުރާނެކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ މިހާރު ވެސް ރަށްތަކުން އެކަމުގެ މަންފާ ފެންނަމުންދާ ކަމަށެވެ. އަދި ކުރިއަތް އޮތް ދުވަސްތަކުގައި ހުވަދޫ އަތޮޅު ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ކުރިއަރައިގެންދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް