ކ. މާލެ
|
12 އޭޕްރިލް 2019 | ހުކުރު 15:40
މީރާ
މީރާ
މުހައްމަދު ޝަރުހާން
މީރާ
އަހަރީ ފީ އާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 197 މިލިއަން ރުފިޔާ މީރާއަށް ނުލިބޭ
7،000 ކުންފުންޏަކުން އަހަރީ ފީ އާއި ޖޫރިމަނާ ނުދައްކާ

މިދިޔަ އަހަރުގެ ނިޔަލަށް 7،089 ކުންފުންޏަކުން އަހަރީ ފީ އާއި ޖޫރިމަނާގެ ގޮތުގައި 197.9 މިލިއަން ރުފިޔާ ނުލިބިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފިއެވެ.

އޭގެ ތެރޭގައި 2017 ވަނަ އަހަރު ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން އުވާލުމަށް ނިންމާފައިވާ 5،772 ކުންފުންޏަކުން ދައްކަންޖެހޭ 189.6 މިލިއަން ރުފިޔާ އާއި އޭގެ ތެރޭގައި ނުހިމެނޭ 1317 ކުންފުންޏަކުން ދައްކަންޖެހޭ 8.2 މިލިއަން ރުފިޔާ ހިމެނޭކަމަށް ވެސް މީރާ އިން ބުންޏެވެ. ކުންފުނީގެ އަހަރީ ފީ ގެ އިތުރުން ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ޤާނޫނުގައިވާ ގޮތުން ކުންފުނިތަކުން އެއްވެސް ވިޔަފާރީއެއް ނުކުރިކަމުގައި ވީ ނަމަވެސް ޤާނޫނުގައިވާ ގޮތުން ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ކަމަށާއި އެކަން ނުކުރެވިއްޖެނަމަ ޤާނޫނުގެ ދަށުން ޖޫރިމަނާވާ ކަމަށް ވެސް މީރާ އިން ވަނީ މައުލޫމާތުދީފައެވެ.

ޓެކްސް ނެގުމާއިބެހޭ އިދާރީ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުން ކުންފުންޏެއް ޓެކްސް ދައްކާ ފަރާތްތަކުގެ ރަޖިސްޓްރީން އުނިކުރެވޭނީ އެ ކުންފުންޏެއް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން އުވާލުމުން ކަމަށް މީރާ އިން ބުނެއެވެ.

އަމިއްލަ ފަރުދުން މީރާގައި ރަޖިސްޓްރީ ކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމާއި ގުޅޭގޮތުން 2017 ވަނަ އަހަރު ތެރޭގައި މީރާ އިން ވަނީ ލުއިތަކެއްދީފައެވެ. ނަމަވެސް ޓެކުހާ ގުޅޭ ގާނޫނުތަކުގައި ވަކި ގޮތަކަށް ކަނޑައެޅިފައިވާތީ، އެ ލުއިތަކެއް ކުންފުނިތަކަކަށް ރައްދެއް ނުވެއެވެ. ނަމަވެސް ކުދި ވިޔަފާރިތަކުން ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓްކުރުމާއި ގުޅޭގޮތުން ދެވިފައިވާ ލުއިތަކަކީ ކުންފުނިތަކަށް ވެސް ރައްދުވާ ލުއިތަކެއް ކަމުގައި މީރާ އިން ވަނީ ހާމަކޮށްފައެވެ.

- ކޮމެންޓް