ކ. މާލެ
|
8 އޭޕްރިލް 2019 | ހޯމަ 19:13
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އޭޕީ
މަގޭ ރިޕޯޓް
އިންތިޚާބީ މަޤާމުތަކާއި ރައީސް މުޙައްމަދު ނަޝީދު
މި ފަހަރު ނަޝީދަށް އިންތިޚާބީ ދައުރު ފުރިހަމަ ވާނެ ކަމަށް ފެނޭ

ދިވެހިރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުގެ ގިނަ ސަފްހާތައް ފުރާލެވިފައި ހުރީ ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގެ މައްޗަށެވެ. ކޮޅުނބުގައި ޕާޓީ ރަޖިސްޓްރީކުރުމާއި އަމިއްލަފުޅަށް އަރުވާލެވިގެން ހޭދަކުރެއްވި މުއްދަތު އެއީ އަދި މާފަހުގެ ތާރީޚެވެ. ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގެ ތާރީޚު އެއަށްވުރެ މާ ދުރަށްވެސް ކިޔެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގައި އެތައް މަޤާމުތަކަކަށް އިންތިޚާބުވެފައި އެބަހުއްޓެވެ. އެ މަޤާމުތަކަށް ރައީސް ނަޝީދު އިންތިޚާބުކުރި މީހުންނަށް ރައީސް ނަޝީދަކީ ކޮން ވިސްނުމެއްގެ ކީއްކުރަންއުޅޭ ކާކުކަން އަބަދުވެސް ވަރަށް ރަނގަޅަށް އެނގެއެވެ. މިހާރުގެ ޒުވާން ޖީލު އުފަންވީއިރު އޮތް ސަރުކާރުގެ ސިޔާސަތުތަކާ ރައީސް ނަޝީދު ދިމާ އިދިކޮޅެވެ. އެކިއެކި އިންތިޚާބީ މަޤާމުތަކަށް ރައީސް ނަޝީދަށް ވޯޓުދޭ މީހުން އެ ވޯޓު ދެމުން ގެންދިޔައީ އެކަން އެނގޭތީއެވެ. އެ ރައްޔިތުންގެ ވިސްނުން ހުރީ ރައީސް ނަޝީދުގެ ވިސްނުމާ އެއްގޮތަށްކަމުގެ މެސެޖްދެނީ އިންތިޚާބީ މަޤާމުތަކަށް ކުރިމަތިލުމުން ދޭ ވޯޓުގެ ގޮތުގައެވެ.

ސިޔާސީ މަޤާމުތަކަށް އިންތިޚާބުވުމާއެކުވެސް، އެ އިންތިޚާބު ކުރެވޭ މަޤާމުގެ ދައުރު ފުރިހަމަނުކުރެވޭ ގޮތް މެދުވެރިވުމަކީވެސް ރައީސް ނަޝީދަށް އަބަދުވެސް މެދުވެރިވާ ޙާލަތެކެވެ. މިހާތަނަށް މަޤާމަކަށް އިންތިޚާބުކުރެވުނު ހަމަ ކޮންމެ ފަހަރަކުވެސް ވީ އެއް ގޮތެކެވެ.

ގަލޮޅު އަވަށު ކޮމިޓީގެ ހިންގާ ސެކެރަޓަރީއެއްގެ ގޮތުގައި ރައީސް މުޙައްމަދު ނަޝީދު އިންތިޚާބު ކުރެވުނީ 1989 ވަނަ އަހަރުއެވެ. އެއީ އެމަނިކުފާނުގެ ފުރަތަމަ އިންތިޚާބީ މަޤާމެވެ. އޭރުވެސް އެއީ ވެރިކަމުގެ ފަރާތުން ރުހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެ އިންތިޚާބުގައި ވާދަކުރެއްވިއިރުވެސް ރައީސް ނަޝީދުގެ މައްޗަށް ދިޔައީ ތަހުޤީޤެއް ކުރެވެމުންނެވެ. ކުރިމަތިލެވޭނޭކަން ޔަޤީންވީވެސް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ކައިރިވެފައި އޮއްވައެވެ. ގަލޮޅުގައި އުޅޭ އެމަނިކުފާނުގެ ގޭދޮށު ކުދިންކޮޅު ނިކުމެ، ނިކަން ރަނގަޅަށް ކެމްޕެއިންކޮށް ބޮޑު ތަފާތަކުން އެ މަޤާމަށް އިންތިޚާބުކޮށްދީފިއެވެ. އިންތިޚާބުވި މަޤާމުގެ ހުވާކޮށް، މަސައްކަތާއިގެން ނުފެށި އުޅެނިކޮށް ވަޑައިގަންނަވަން ޖެހުނީ ޖަލަށެވެ. ކަރުދާހެއްގައި ގަލަން ހިންގާލެވުނު ގޮތަކުން ކުށްވެރިވީއެވެ. އިންތިޚާބުކުރެވުނު ފުރަތަމަ މަޤާމުގަނޑުވެސް ގެއްލުނީއެވެ.

އޭގެ ފަހުން ހިނގި ވަރަށް ގިނަ ކަންކަމަށް ފަހު، ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ރައީސް ނަޝީދު އިންތިޚާބުވީ 1999 ވަނަ އަހަރުއެވެ. އެއީ މާލެއިން އިންތިޚާބުކުރެވުނު ދެ މެންބަރުންގެ ތެރެއިން އެއް މެންބަރުގެ ގޮތުގައެވެ. އެ މަޖިލީހަށް ހުށަހެޅޭ ބިލުތަކުގެ ބަހުސްތައް ސައިހޮޓަލުގެ މޭޒާހަމައަށް ތިރިކުރެއްވި މެންބަރަކީ އޭރުގެ މާލޭގެ މެންބަރު މުޙައްމަދު ނަޝީދެވެ. އެމަނިކުފާނާއެކު އެކަހަލަ މަޝްވަރާތަކުގައި އޭރު ބައިވެރިވެ އުޅުނު ވަރަށް ގިނަ މީހުންނަކީ މިހާރު މާލޭގައި ނަންހިނގާ ބޮޑެތި ބޭފުޅުންނެވެ. ވިޔަފާރިވެރިންނެވެ. އެކި ދާއިރާތަކުގެ ހިންގުންތެރިންނެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ކުރެވޭ ބަހުސްތަކުގެ އެކަހަލަ ވާހަކަތައް ޢާންމު ތަންތަނުގައި ދެއްކުމަކީ މަދުން ހިނގާ، ނުވަތަ އެއްގޮތަކަށްވެސް ނުހިނގާ ކަމެކެވެ. އެ ތަހުޒީބު ބަދަލުކޮށްލެވޭތޯ ރައީސް ނަޝީދު އޭރު ވަރަށް މަސައްކަތްކުރެވިކަމަށްވެއެވެ.

ރައީސް ނަޝީދަށް އެ މަސައްކަތުގައި ގިނަ ދުވަހަކު ދެމި ހުރެވޭ ގޮތެއް ނުވިއެވެ. މާލޭގެ މެންބަރުގެ ގޮތުގައި ހުއްޓައި، ވައްކަމުގެ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ދައުވާކުރެވި އެ މަޤާމުވެސް ގެއްލުނީއެވެ. އޭރު ހިނގި އެ ޝަރީޢަތް އަޑުއަހަން ކޯޓަށްދިޔަ ހަމައެކަނި ނޫސްވެރިޔާ މުންޑޫ އާދަމް ޙަލީމް ލިޔުއްވާފައި އޮވެއެވެ. "ނަޝީދު ކޯޓަށް ހާޒިރުވެ ވަޑައިގަތުމުން ކޮންމެ ދުވަހަކުވެސް ކޯޓު އޮފިސަރުން ދަންނަވާނެ އެވެ. "ޑިފެންޑެންޓްސް ކަސްޓަޑީ" ގެ ގޮޅިއަށް މަނިކުފާނު ވަދެވަޑައިގަންނަވާށެވެ. ރައީސް ނަޝީދު ވިދާޅުވާނީ އެމަނިކުފާނަކީ ކުށްވެރިއެއް ނޫން ކަމަށެވެ. އެތަނަށް ވަދެވަޑައިގަންނަވާން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. ހިނިފުޅުވަޑުވައިފައި ވިދާޅުވާނެ އެވެ. "ނިޒާރު އެވެ! އަދި އަޅުގަނޑު ކުށްވެރިއަކަށް ވެސް ނުވޭ ނޫން ހެއްޔެވެ؟" އެހުރިހާ މަންޒަރެއް ދެކޭން އަޅުގަނޑު އިންނަމެވެ. ކޮންމެ ދުވަހަކު އެ ހުރިހާ ވާހަކައެއް ދައްކަވައިފައި އެމަނިކުފާނު އެވިދާޅުވާ ގޮޅިއަކަށް ވެސް ވަދެވަޑައިގަންނަވާނެ އެވެ. އެކަމަކު އޭގެ ކުރިން އަޅުގަނޑާ މުހާތަބުކޮށް "އާދަހަލީމް މިވާހަކަ ވެސް ވާނީ ލިޔާށޭ" ވިދާޅުވާނެ އެވެ."

މުންޑޫ އާދަމް ހަލީމް އިތުރަށް ލިޔުއްވާފައި އޮވެއެވެ. "އެވިދާޅުވާ ވެލާނާގެއަކަށް އަޅުގަނޑު ވެސް ވަނީމެވެ. އަޅުގަނޑާއެކު އޭރު ޖިނާއީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ކޮއްކޯފުޅު އަދި ނޫސްވެރިޔާ، އަބްދުﷲ ޖަމީލު ވެސް ވަނެވެ. ލިބުނު އެއްޗެއް އަޅުގަނޑު ވެސް ގެންދިޔައިމެވެ. ޖަމީލު ވެސް ގެންދިޔަ އެވެ. މަންޒަރު ބަލާން މީހުން ވެސް ތިއްބެވެ. ފާރުގައި ބަލާން ހުރެގެން ރައީސް ނަޝީދުގެ މައްސަލަ ބޮޑު ކޮށްލި "ލޮލަށް" އަޅުގަނޑާއި ޖަމީލު ވެސް ފެންނާނެ އެވެ. އެކަމަކު އަޅުގަނޑުމެންނަކާ ސުވާލެއް ނުކުރެ އެވެ."

ކޮންމެއަކަސް އެފަހަރުވެސް ދައުރު ފުރިހަމަވުމުގެ ކުރިން ރައީސް ނަޝީދުގެ ގޮނޑި ގެއްލިއްޖެއެވެ. އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ވަޑައިގަންނަވަން ޖެހިވަޑައިގެންނެވިއިރު އެއީ މާލޭގެ މެންބަރެއް ނޫނެވެ. ނިކަމެތިކަމާއެކު އެރަށުން ފައްސާ ނަގާލެވުނު، ގ.ކެނެރީގޭ މުޙައްމަދު ނަޝީދު އޭގެ އަހަރުތަކެއްފަހުން، ދެން އިންތިޚާބުވެވަޑައިގަތީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށެވެ. އެއީ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއެކު ދިވެހިވެރިކަމަށް ގެނެވުނު ބޮޑު އަދި އިންޤިލާބީ ބަދަލެކެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ، ކުރީއްސުރެ އޮތް، އިންތިޚާބީ މަޤާމުގެ ދައުރު ފުރިހަމަ ނުކުރެވުމުގެ ތާރީޚު އަލުން އަނބުރާ އިއާދަވިއެވެ. އެ ވެރިކަމުގައި ނިމުމުގެ ސިއްކަޖެހުނު ގޮތާއި އޭގެ ސަބަބުތައް އަޅުގަނޑު ދަންނަވަންޖެހޭވަރަށްވުރެ މާ ސާފެވެ. އެ މަޤާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ފަހުން ވެއަތުވެގެން މި ދިޔަ 7 އަހަރު މުޅި ރާއްޖޭގެ ޙާލަތާއި، އެ ޙާލަތުން އަރައިގަތުމަށް ކުރަންޖެހުނު މަސައްކަތާއި އޭގެ ތާރީޚު އެއްވެސް މީހަކަށް އޮޅިފައެއް ނެތެވެ.

އޭގެ 7 އަހަރު ފަހުން މިއަދު، ރައީސް މުޙައްމަދު ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދުދާއިރާގެ ޢިއްޒަތްތެރި މެންބަރެވެ. މަޖިލީހަށް ވަޑައިގެންނެވީ ބިޔަ ލަޝްކަރަކާއި، ކުރައްވާނޭ މަސައްކަތުގެ 5 އަހަރު ދުވަހުގެ ތާވަލަކާއެކުއެވެ. އެއީ ކެނޑިނޭޅި އިސްލާހަށް މަސައްކަތްކުރި އެތައް ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެކެވެ.

ފެންނަނީ މި ދަތުރު އަމާންވާނޭކަމަށެވެ. ދުރުން، މާދުރުންވެސް ވިއްސާރައެއްގެ ލިސާނެއްވެސް ފެންނާކަށް ނެތެވެ. އަދި ފެންނާކަށް ނެތެވެ. ރައީސް ނަޝީދުގެ އެ އޮންނަ، އިންތިޚާބީ މަޤާމުތަކުގެ ދައުރު ފުރިހަމަނުކުރެވުމުގެ ތާރީޚް އިއާދަވުމަކީ މިފަހަރު ދިމާވެދާނޭ ޙާލަތެއްކަމަކަށް ނުފެނެއެވެ. އެއީ އިސްލާހީ މަސައްކަތުގައި އުޅުނު އެއްވެސް މީހަކު އަލަކުން ކުރަން ބޭނުންވާނޭ ތަޖުރިބާއެއްވެސް ނޫނެވެ. ދެން މިފަހަރު ވާގޮތެއް އަޅުގަނޑުމެން ބަލަން ތިބޭނަމެވެ. 

އެޑިޓަރުގެ ނޯޓް: މިއީ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ލިޔުއްވާފައިވާ ލިޔުމެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް