Advertisement
ކ. މާލެ
|
5 އޭޕްރިލް 2019 | ހުކުރު 16:56
ޑައިވް ފެއަރގައި ހުންނަ ރާއްޖޭގެ ބޫތު ކައިރީގައި ބަޔަކު ހުއްޓިލައިގެން
ޑައިވް ފެއަރގައި ހުންނަ ރާއްޖޭގެ ބޫތު ކައިރީގައި ބަޔަކު ހުއްޓިލައިގެން
އެމްއެމްޕީއާރްސީ
ޑައިވް ފެއަރ
ޖަޕާނުގެ ޑައިވް ފެއަރގައި އެމްއެމްޕީއާރްސީން ބައިވެރިވެއްޖެ
ފެއަރ ކުރިޔަށް ދަނީ ތިން ދުވަހުގެ މުއްދަތަށް

ޖަޕާނުގެ ޓޯކިޔޯގައި ކުރިޔަށްދާ އެންމެ ބޮޑު ޑައިވިން ފެއަރ މެރިން ޑައިވިންގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއާރގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ މޯލްޑިވްސް މާކެޓިންގ އެނޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމެއެމްޕީއާރްސީ) އެވެ. 

އެމްއެމްޕީއާރްސީއާ އެކު ޖަޕާނުގައި ހުންނަ ދިވެހި އެންބަސީ އިން މި ފެއާގައި ހަރަކާތްތެރިވަމުންދާނެއެވެ. ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދިވެހި ރާއްޖެ އިން ޖަޕާނަށް ކަނޑައަޅުއްވައިފައިވާ ސަފީރް އިބްރާހިމް އުވައިސްއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ޑައިވިންގ ފެއަރގައި ރާއްޖޭގެ ޑައިވް ސެގްމެންޓާ އިތުރުން އެކި ސެގްމެންޓްތަކާ ގުޅޭ ހަރަކާތްތައް ރާއްޖޭގެ ބޫތުގައި ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

މެރިން ޑައިވިން ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އެމްއެމްޕީއާރްސީ  

އޭގެ ތެރޭގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތަކަށް ދިވެހި ކެއުންތައް ރަހަ ބެލުމުގެ ފުރުސަތު ހުޅުވިފައި ވެއެވެ. މީގެ އިތުރުން ޖަޕާނުގެ މަޝްހޫރު ގޭމެއް ކަމަށްވާ ބިންގޯ ގޭމް ކުޅެގެން މޮޅުވާ ފަރާތަކަށް ލިޔެލާ ރެޓްރީޓްގެ ފަރާތުން 5 ދުވަހުގެ ހުރުން ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ އެކި މަޢުލޫމާތުތައް ފޯރޮކޮށްދިނުމަށްޓަކައި ޕްރެޒެންޓޭޝަނެއް ފެއަރ އޮންނަ ތިން ދުވަހު ރާއްޖޭގެ ބޫތުގައި ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

މި ޕްރެޒެންޓޭޝަންގެ މައިގަނޑު މަޤްސަދަކީ ގިނަ ބަޔަކަށް ރާއްޖެޔާ ބެހޭ ގޮތުން މަޢުލޫމާތް ފޯރުކޮށްދިނުމެވެ. އެމްއެމްޕީއާރްސީން ބުނީ، މެރިން ޑައިވިންގ ފެއަރގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ޑައިވިނަށް ލޯބިކުރާ ފަތުރުވެރިންނާ ބައްދަލުކޮށް ރާއްޖޭގެ ކަނޑުތަކުގެ ތަފާތުކަމާ ރާއްޖެއާ ބެހޭ މަޢުލޫމާތު ޙިއްސާކޮށް، ރާއްޖޭގެ ޑައިވް ސެގްމަންޓަށް އިތުރު ކުރިއެރުން ގެނައުމަށްޓަކައި  އިންޑަސްޓްރީގެ އެކި ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރުމެވެ.  

ޑައިވިން ފެއާރގެ ތެރެއިން. ފޮޓޯ: އެމްއެމްޕީއާރްސީ 

ޖަޕާނަކީ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނުވަ ވަނައަށް އެންމެ ބޮޑު މާރކެޓެވެ. ޖަޕާނުން 2018 ވަނަ އަހަރު ޗުއްޓީ ހޭދަކުރުމަށްޓަކައި 42،304 ފަތުރުވެރިން ވަނީ  ޒިޔާރަތްކޮށްފައެވެ. މިއީ 2017 ވަނަ އަހަރާއި އަޅާ ބަލާއިރު %2.8 ގެ ކުރިއެރުމެކެވެ.  

މި އަހަރުގެ ފެބްރުވަރީ މަހުގެ ނިޔަލަށް މިހާތަނަށް 3،987 ފަތުރުވެރިން ޖަޕާނުން  ޒިޔާރަތްކޮށްފައިވާއިރު، މެރިން ޑައިވިން ފެއަރގެ ސަބަބުން ރާއްޖޭގެ ޑައިވިންގ ސެގްމެންޓް އިތުރަށް ފުޅާކުރުމަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް