Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 07:45
މައްޗަންގޮޅީ ދެކުނު ދާއިރާއަށް ވާދަކުރައްވާ އަހުމަދު ހައިތަމް
މައްޗަންގޮޅީ ދެކުނު ދާއިރާއަށް ވާދަކުރައްވާ އަހުމަދު ހައިތަމް
އެމްޑީޕީ
މަޖިލިސް އިންތިޚާބު 2019
އިންޒާރު ދިން ނަމަވެސް އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓެއް ފަހަތަށް ނުޖެހޭނެ: ހައިތަމް
ކެމްޕޭންގެ މަސައްކަތްތައް ފެނި ބައެއް މީހުން ބިރު ގަނޭ
މަޖިލީހަށް ނުކުންނަނީ ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ހާލު އެނގިތިބެ

ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުވުމަށް މަތިމަތިން އިންޒާރު ދިން ނަމަވެސް އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓެއް ފަހަތަށް ނުޖެހޭނެ ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާއަށް ވާދަކުރައްވާ އަހުމަދު ހައިތަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ މައްޗަންގޮޅީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ހައިތަމް ވިދާޅުވީ އިންތިޚާބަށް ކެމްޕޭންކުރާ މަންޒަރު ފެނި ބައެއް މީހުން ބިރު ގަނެއްޖެ ކަމަށާއި، ފަހަތަށް ޖެއްސުމަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ހައިތަމް ވިދާޅުވީ ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލައި، ކެމްޕޭން ހަރަކާތުގައި އިސްކޮށް އުޅޭ ޒުވާނެއްގެ ސައިކަލު ވެސް ރޯކޮށްލައިފި ކަމަށެވެ. އަދި ފޯނު ކޯލުތަކުން މަރުގެ އިންޒާރު ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''މަރުގެ އިންޒާރުވެސް ދީފި. އަދި އެވަރުން ނުފުދިގެން ކުރިމައްޗަށް އައިސްފަ ފުމެފުމެފަ އިންޒާރުދީފި. އަޅުގަނޑާއި، އަޅުގަނޑަށް ޓީމަށް. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން.'' ހައިތަމް ވިދާޅުވިއެވެ.

މައްޗަންގޮޅިއަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުވާލައްވާ ހައިތަމް ވިދާޅުވީ ވާރޭ ވެހިއްޖެނަމަ ފެންބޮޑުވެ، ގޭގެއަށް ފެންވަންނަ މައްސަލައަކީ އެ ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި، ރައްޔިތުންގެ ގިނަ މުދާތައް ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ ފަސް އަހަރު މިމައްސަލައަށް ސަރުކާރުން ސަމާލުކަންދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިޖަލްސާގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކެންޑިޑޭޓް މުހައްމަދު ރަޝީދު ވިދާޅުވީ މަޖިލީހަށް ނުކުންނަނީ ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ހާލު އެނގި ހުރެ ކަމަށެވެ.

ރަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، އެޖެންޑާ19 އިން މިމައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ.

އެމްޑީޕީއަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ޕާޓީއެއްކަން ފާހަގަކުރައްވައި ރަޝީދު ވިދާޅުވީ ޑިމޮކްރަސީ ތައާރަފްކޮށް، ގައުމުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރި ފުރަތަމަ ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށެވެ.

''ގިނަ މައްސަލަތަކަށް ހައްލު ހޯދުމަށް އެމްޑީޕީން މިއަދު ކުރަނީ ބުރަ މަސައްކަތްތަކެއް. މިއީ އެތަކެއް ދުވަހު ކުރަމުން އައި މަސައްކަތެއް. އެގޮތުން ޑިމޮކްރަސީއެއް ތައާރަފް ކުރެވިގެންދިޔައީ. ރައްޔިތުންގެ ހާލު ބަލައި ޕޯޑިއަމްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނީ އެމްޑީޕީން ކުރި މަސައްކަތުން'' ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އެމްޑީޕީން އަބަދު ވެސް މަސައްކަތް ކުރަމުން އައީ ވަކި އުސޫލުތަކެއްގެ މަތިން ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. އޭނާ ވިދާޅުވީ އަބަދުވެސް ރައްޔިތުންގެ ގާތަށް ދަނީ ވައުދުތަކެއް ހިފައިގެން ކަމަށާއި، ކެޑިނޭޅީ މަސައްކަތް ކުރަމުން އެވައުދުތައް ފުއްދަން ކަމަށެވެ. އަދި އެމްޑީޕީ ވައުދެއްވެއްޖެނަމަ އެކަމެއް ފުއްދަވާދެއްވާނެ ކަމުގެ ފުރިހަމަ އިތުބާރު ރައްޔިތުން ކުރާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް