Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 07:35
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
އެމްޑީޕީ
މަޖިލިސް އިންތިޚާބު 2019
ކޮރަޕްޝަން ހިންގަން ހިތަށް އަރުވައިގެން ހުރިނަމަ، މިހާރުން މިހާރަށް ދުރަށް ވަޑައިގަންނަވާ: ރައީސް
ރިޔާސީ އިންތިޚާބުގައި ނިންމި ނިންމުން ހަނދާން ކުރަންޖެހޭ
މަސައްކަތް ކުރަނީ ރައްޔިތުން އެދޭ ފަދަ ބަދަލެއް މިގައުމަށް ގެނެސް، ކޮރަޕްޝަން ނައްތާލަން

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަން ހިތަށް އަރުވައިގެން ހުރި ނަމަ މިހާރުން މިހާރަށް ދުރަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ބުދަ ދުވަހު ބޭއްވި، އެމްޑީޕީ ޓިކެޓްގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ޔާމީން އަހުމަދު ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ވޯޓުލާއިރު ގިނަ ކަންތައްތަކާއި ވިސްނާލަން ޖެހޭ ކަމަށާއި، ރިޔާސީ އިންތިޚާބުގައި ނިންމި ނިންމުން ހަނދާން ކުރަންޖެހޭ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރީ އަނިޔާވެރި ކަމާއި، ކޮރަޕްޝަނާއި، ވައްކަން އެއީ ރައްޔިތުން ގަބޫލުކުރާ އެއްޗަކަށް ނުވާތީ ކަމަށެވެ. ގާނޫނު އަސާސީ ރައްޔިތުންނަށް ލިބިދީފައިވާ ހުރިހާ ހައްގުތައް އަލުން ހޯދުމަށް ވެރިކަން ބަދަލުކުރިއިރު، ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ރައްޔިތުން މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ލިބެންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ގައުމުގެ ހުންގާނާ ހަވާލުވެވަޑައިގެންވިއިރު ކޮރަޕްޝަންއާ ވައްކަމަކީ އާންމު އެއްޗެއް ކަމަށާއި، ނަމަވެސް މިހާރު މަސައްކަތް ކުރަނީ ރައްޔިތުން އެދޭ ފަދަ ބަދަލެއް ގެނެސް، ކޮރަޕްޝަންގެ ވަބާ ނައްތާލުކަމަށެވެ.

"ހަގީގަތް ހާމަ ކުރާ ކޮންމެ ނޫސްވެރިއަކު ދާންޖެހުނީ ޖަލަށް. އަދި އޭގެ އިތުރުން ބައެއް ނޫސްވެރިންނަށް ވީނުވީ ނޭނގި ގެއްލިފައި އެބަވޭ. މަގުމަތީގަ މީހުން މެރުން އާންމުކަމަށްވެފައި އޮތީ. ކޮރަޕްޝަނާއި، ވައްކަން އޮތީ ކުރިން ވެސް ދެންނެވިފަދައިން އޮތީ އާންމުކަމަށްވެފައި." ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ގައުމުގެ ހާލަތު އޮތް ގޮތް ސިފަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރާ މެދު ރައްޔިތުން ފޮނި އުއްމީދުތައް ކުރާ ކަމަށާއި، ރައްޔިތުންނަށް ޑިމޮކްރަސީ އާލާވުމުގެ އުންމީދު އެބައޮތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއް ހިންގެވުމަށް ހިތުގައި އޮތް ނަމަވެސް ސަރުކާރާއި ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށާއި، މިފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ދުވަހު ހޭދަކުރެއްވިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ 18 ވަނަ ރައްޔިތުން މަޖިލީހަކީ ހަޔާތުގައި ދުށް އެންމެ ކަމުނުދާ ހަމައެއް އިންސާފެއް ނެތި ހިނގަމުން ދިޔަ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީން ނުކުމެތިބީ އެކަން ބަދަލުކުރަން ކަމަށެވެ. ވިދާޅުވީ ރައްޔިތުންގެ އަޑު އުފުލާ ރައްޔިތުން ބޭނުންވާ ހައްގުތައް ހޯދައިދީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައް ކުރުމުގައި ރައްޔިތުން މަޖިލިސް ހަރަކާތްތެރިކުރުވުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މަޖިލިސް މެންބަރުންނަކީ އަމިއްލަ އެދުމާއި އަމިއްލަ ޖާހަތު އިސްކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި، އެމްޑީޕީން ތަމްސީލުކުރާ ކެންޑިޑޭޓުންނަކީ ފައިސާގެ ދަހިވެތިކަމުގައި މަސައްކަތް ކުރާނެ ކެންޑިޑޭޓެއް ނޫން ކަމަށެވެ. އެ ކެންޑިޑޭޓުންނާ މެދު ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް