Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 07:22
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް
މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް
މުހައްމަދު ފަޒީން
މަޖިލިސް އިންތިޚާބު 2019
ތަޖުރިބާ ހުރި ބަޔަކު މަޖިލީހަށް ހޮވަން ޖެހޭ: އަނާރާ
ތަޖުރިބާ ބޭނުންވަނީ އިސްލާހީ މަސައްކަތް ފުރިހަމަ ކުރުމަށް ކަމަށް ވިދާޅުވި
ހަރުދަނާ ގާނޫނީ އޮނިގަނޑުތަކެއްގެ ތެރެއިން ތަރައްގީ ގެނެސްދެވޭނެ ކަމަށް ވިދާޅުވި

ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު ތަޖުރިބާ ހުރި ބަޔަކު މަޖިލީހަށް ހޮވަން ޖެހޭ ކަމަށް މަކުނުދޫ ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

މަކުނުދޫގައި ބުދަ ދުވަހުގެ ރޭ ބޭއްވި އަނާރާގެ ކެމްޕެއިން ޖަލްސާގައި އޭނާ ވިދާޅުވީ ތަޖުރިބާ ހުރި ބަޔަކު މަޖިލީހަށް ހޮވަން މުހިންމީ ކުރިޔަށް އިންތިހާބު ކުރެވޭ 19ވަނަ ރައްޔިތުންގެ މަޖިލީހަކީ އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ މަޖިލީހަކަށް ވުމުން ކަމަށެވެ.

އަނާރާ ވިދާޅުވީ މިހާރު ވެސް ރައްޔިތުން އިންތިހާއަށް ބޭނުންވާ އެތައް ކަމެއް އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ސާފު ބޯފެނާ ނަރުދަމާގެ ހިދުމަތާއި ސިއްހީ ނިޒާމުގެ މަސައްކަތްތައް ހަރުދަނާ ކުރުމާއި އަދި ތައުލީމީ ނިޒާމު އިތުރަށް ވަރުގަދަ ކުރުން ހިމެނޭ ކަމަށެވެ. އަނާރާ ވިދާޅުވީ މި ހުރިހާ ކަންކަމަކީ ވެސް ހަރުދަނާ ގާނޫނީ އޮނިގަނޑުތަކެއްގެ ތެރެއިން ކުރެވިދާނެ ކަންކަން ކަމަށެވެ.

ރައްޔިތުންގެ ތަރައްގީއަށް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމާއި އެކުވެސް، މި ހިނގާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނީ މަގުމަތީގައި ކަމަށް ވެސް އަނާރާ ވިދާޅުވިއެވެ. ކަންކަން މިހެން ހުރި އިރުވެސް އަބަދުވެސް ދެމިހުންނެވީ ސާބިތުކަމާއި އެކު ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް ހުންނަވާނީ އެ ސާބިތުކަން މަތީ ރައްޔިތުންނާއި ގާތުން ހިދުމަތް ކޮށްދޭ ރައްޔިތުންގެ މީހެއްގެ ގޮތުގައި ކަމަށެވެ. ރައްޔިތުން އެދެމުންދާ ތަރައްގީ ހޯދައިދޭން ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަދާލަތް ޕާޓީގެ ޓިކެޓުގައި މަކުނުދޫ ދާއިރާއަށް ދެވަނަ ދައުރަކަށް އަނާރާ ކުރިމަތިލައްވާ އިރު، އިތުރު ދެ ކެނޑިޑޭޓަކު އެ ދާއިރާއަށް ކުރިމަތިލައްވައެވެ. ދެން އެ ދާއިރާއަށް ކުރިމަތިލައްވަނީ އެމްޑީޕީގެ ކެނޑީޑޭޓަކާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެނޑިޑޭޓެކެވެ. މަކުނުދޫ ދާއިރާގައި ހިމެނޭ ރަށްތަކަކީ މަކުނުދޫ، ކުމުންދޫ އަދި ނޭކުރެންދޫއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް