Advertisement
ކ. މާލެ
|
4 އޭޕްރިލް 2019 | ބުރާސްފަތި 07:17
ހޯމް މިނިސްޓަރު އަދި އަދާލަތް ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރު އަދި އަދާލަތް ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ގޫގުލް
މަޖިލިސް އިންތިހާބު 2019
ތަރައްގީ އާއި އުފާފާގަތިކަން ގެނެސްދެވޭނީ ސަރުކާރާއި އެކު މަސައްކަތް ކޮށްގެން: ޝޭހް އިމްރާން
އަދާލަތް ޕާޓީއަށް ދެވޭ ކޮންމެ ވޯޓަކީ ސަރުކާރަށް ދެވޭ ވޯޓެއް ކަމަށް ވިދާޅުވި
ނަޒާހާތްތެރި މަޖިލީހެއް އިންތިހާބު ނުކުރެވިއްޖެ ނަމަ ރާއްޖޭގެ މުސްތަގުބަލު ބަނަވާނެ ކަމަށް ވިދާޅުވި

ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީ އާއި މުޖުތަމައަށް އުފާފާގަތިކަން ގެނެސްދެވޭނީ ސަރުކާރާއެކު މަސައްކަތް ކޮށްގެން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތް ޕާޓީގެ ޓިކެޓުގައި ހދ. މަކުނުދޫ ދާއިރާއަށް ވާދަކުރައްވާ މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަނާރާ ނައީމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އަދާލަތް ޕާޓީގެ ކެނޑިޑޭޓުންނަށް ދެވޭ ވޯޓަކީ ސަރުކާރަށް ދެވޭ ވޯޓެއް ކަމަށެވެ. އިމްރާން ވަނީ ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެ ޕާޓީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި އެ ޖަލްސާގައި މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހެޔޮލަފާ ތެދުވެރި މެމްބަރުން ހޮވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައިފައެވެ. އިމްރާން ވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލީހަކީ، ފަސްބައި ސާފު ނަޒާހާތްތެރި މެމްބަރުންތަކެއް ތިބޭ މަޖިލީހަކަށް ނުވެއްޖެ ނަމަ ރާއްޖޭގެ މުސްތަގުބަލު ބަނަވެ ނާޒުކުވެގެން ހިނގައިދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެ ޕާޓީން އަބަދުވެސް އިސްކުރާނީ ދީނާއި ގައުމުގެ މަސްލަހަތު ކަމަށެވެ. މި ވޭތުވެ ދިޔަ ދުވަސްތަކުގައި ވެސް އެ ޕާޓީން އިސްކޮށްފައިވަނީ ދީނާއި ގައުމު ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް އެ ގޮތުގައި ޕާޓީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ރައްޔިތުންނަށް އަރުވާފައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ މަޖިލިސް މެމްބަރުންނަކީ ޒިންމާ ބޮޑު ބައެއް ކަމަށެވެ. މަޖިލިސް ތެރޭގައި ކަންކަން ކުރައްވާ ގޮތުން ގައުމު ހަލަބޮލިވެ ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފެދުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ކުރިޔަށް އޮތް ރައްޔިތުން މަޖިލީހަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ މަޖިލީހެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީން މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް އެއްމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީއާ އެކުގައެވެ. އެގޮތުން އެމްޑީޕީން އަދާލަތު ޕާޓީއަށް ދެ ދާއިރާއަކުން ފުރިހަމަ ތާއީދު ދޭން ނިންމާފައިވާ އިރު، އަދާލަތު ޕާޓީން ވެސް ދަނީ އެ ޕާޓީން ވާދަނުކުރާ ދާއިރާތަކުން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުންނަށް ވޯޓު ދެއްވުމަށް އެ ޕާޓީއަށް ތާއިދު ކުރާ ފަރާތްތަކަށް އެދިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް