އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓް، އާރމިއަސް އަސްގެޑޯން ނުވަތަ އާންމު ނަމުން ނަމަ ނިޕްސީ ހަސްލް، ގަޔަށް ބަޑި ޖަހާ މަރާލާފައިވަނީ މި ހަފްތާގެ އާދިއްތަ (ރާއްޖެ އަށް ހޯމަ) ދުވަހެވެ.
ނިޕްސީ މަރާލި އިރު، އޭނާގެ އުމުރުން އެންމެ 33 އަހަރެވެ. ކުޑަ ދެ ކުދިން ތިއްބެވެ. މީހަކާ ކައިވެނި ނުކޮށް ހުރި ނަމަވެސް، އޭނާ އުޅުނީ ހަގު ދަރިފުޅުގެ މަންމަ، ފިލްމީ ތަރި ލޯރެން ލަންޑަން އާއެކު އެވެ.
ލޮސް އެންޖެލެސް (އެލްއޭ)އަށް ނިސްބަތްވާ ނިޕްސީ އަކީ ކާމިޔާބު ރެޕް އާޓިސްޓެއްގެ އިތުރުން، އެ ސިޓީގެ މީހުންނަށް، ހާއްސަކޮށް ކަޅު ނަސްލުގެ ފަރާތްތަކަށް 'އިންސްޕިރޭޝަން' އެކެވެ.
އެލްއޭގެ ކްރެންޝޯ ނެއިބަރހޫޑްގައި ބޮޑުވި އިރު، ނިޕްސީ އަކީ އެ ސަރަހައްދުގެ ވަރުގަދަ ގޭންގެއް ކަމަށްވާ 'ރޯލިން ސިކްސްޓީސް ނެއިބަރހުޑް ކްރިޕްސް'ގެ މެމްބަރެކެވެ. ނަމަވެސް، ފަހުން އެ ކަމާ ދުރުވެ، އޭނާގެ ދިރިއުޅުން ހާއްސަ ކޮށްފައިވަނީ މިއުޒިކާއި އިޖްތިމާއީ މަސައްކަތް ތަކަށެވެ.
އާދިއްތަ ދުވަހު އޭނާ މަރާލި އިރު، އޭނާ ދިޔައީ ގޭންގް މަރާމާރީތަކަށް ހައްލެއް ހޯދުމަށް ލޮސް އެންޖެލެސް ޕޮލިސް ޑިޕާޓްމަންޓް (އެލްއޭޕީޑީ)އާއެކު މަސައްކަތް ކުރަމުންނެވެ. އަދި ކުރެވޭނޭ ކަމެއް ބެލުމަށް ހޯމަ ދުވަހު އެލްއޭޕީޑީގެ އޮފިޝަލުންނާ ބައްދަލު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ނިޕްސީ އަމިއްލައަށް އެދިގެންނެވެ.
ނިޕްސީ މަރާލި ހަމަލާއާ ގުޅިގެން އެލްއޭޕީޑީން ހޯދަމުން ދިޔަ އެރިކް ހޯލްޑަރ، 29، ވަނީ އަންގާރަ ދުވަހު ހައްޔަރު ކޮށްފައެވެ. އަދި އޭނާ ނިޕްސީ މަރާލާފައިވަނީ "ޒާތީ މައްސަލައަކާ ގުޅިގެން"ކަމަށް ފުލުހުން ބުނެފައިވެއެވެ. އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
އެލްއޭޕީޑީން މިހެން ބުނި ނަމަވެސް، ނިޕްސީގެ މަރާ ގުޅިގެން ގިނަ 'ކޮންސްޕިރޭސީ ތިއަރީ' ތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރު ވަމުންނެވެ.
ޑޮކިއުމެންޓްރީގެ ސަބަބުން އަހަރެން މަރާލައިފިއްޔާ އަހަރެންނަށްޓަކާ ތެދުވާތި – ނިޕްސީ ހަސްލް
ނިޕްސީއަށް ހަމާލާދީ މަރާލި އިރު އޭނާ ދިޔައީ ހާއްސަ ޑޮކިއުމެންޓްރީއެއްގެ މަސައްކަތް ކުރަމުންނެވެ.
އެއީ، އަލްފްރެޑް ބޯމަން ނުވަތަ ޑރ. ސެބީއާ ބެހޭ ޑޮކިއުމެންޓްރީ އެކެވެ. ޑރ. ސެބީ އަކީ ހަރބަލިސްޓެކެވެ. އޭނާ 2016 ވަނަ އަހަރު މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ، ނިއުމޯނިއާ ޖެހި، ލިބެން ޖެހޭ ފަރުވާ ލިބުން ލަސްވެގެންނެވެ.
ޑރ. ސެބީގެ ސަޕޯޓަރުން ދެކޭ ގޮތުގައި އޭނާގެ މަރުގައި އެމެރިކާގެ ސަރުކާރާއި ފާމަސިއުޓިކަލް އިންޑަސްޓްރީގެ އަތެއް ވެއެވެ. ނިޕްސީ އަކީ ޑރ. ސެބީގެ ސަޕޯޓަރެކެވެ.
"އެ މީހުން ޑރ. ސެބީ މަރާލީ، އޭނާ ދިޔައީ ސިއްހީ ތައުލީމް އުނގަންނައިދެމުން،" ނިޕްސީގެ 'ވިކްޓްރީ ލެޕް' އަލްބަމްގެ 'ބްލޫ ލޭސެސް 2' ލަވައިގެ ލިރިކްސް
އެއްވެސް ސިއްހީ ތައުލީމެއް ނެތް ޑރ. ސެބީ މަރުވުމުގެ ކުރިން ގިނަ ބަލިތަކަކަށް 'ހަރބަލް' ފަރުވާތަކެއް ހޯދިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އޭގެ ތެރޭގައި އެއިޑްސް ބަލިވެސް ހިމެނެ އެވެ.
އަދި ލައިސެންސެއް ނެތި މެޑިސިން ޕްރެކްޓިސް ކުރުމުގެ މައްސަލާގައި ނިއު ޔޯކް ސިޓީން އޭނާގެ މައްޗަށް 1987 ވަނަ އަހަރު ދައުވާ އުފުލާފައިވާ އިރު، ނިޕްސީ ތައްޔާރު ކުރަމުންދިޔަ ޑޮކިއުމެންޓްރީ ބިނާ ކުރަނީ މި ޝަރީއަތަށް ކަމަށާއި އޭގެ ސަބަބުން ޑރ. ސެބީ މަރާލާފައިވާކަން ހާމަ ވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އޭނާގެ ސަޕޯޓަރުން ގަބޫލު ކުރާ ގޮތުގައި ސަރުކާރުންނާއި ފާމަސިއުޓިކަލް އިންޑަސްޓްރީން ޑރ. ސެބީ "ދުއްވާލީ" އޭނާ ހޯދި ފަރުވާ ތަކުގެ ސަބަބުން އެމީހުންނަށް ލިބޭ އާމްދަނީ ގެއްލޭނެތީ އެވެ.
ނިޕްސީގެ މަރާއި ޑރ. ސެބީގެ ޑޮކިއުމަންޓްރީއާ ގުޅުމެއްވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ނަމަވެސް، އެކަމާ ގުޅިގެން އޭނާ މަރާލަފާނެކަން ބައެއް ފަރާތްތައް ގަބޫލު ކުރިއެވެ. ފެބްރުއަރީ މަހު 'ނީކުއާ ލަވް' ކިޔާ އިންސްޓަގްރާމް އެކައުންޓަކުން ވަނީ ނިޕްސީއަށް ހިމާޔަތް ދޭންޖެހޭ ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ. އަދި އެއީ ޑރ. ސެބީގެ ޑޮކިއުމަންޓްރީ ހަދާތީ ކަމަށް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.
ނިޕްސީ މަރުވުމުން، ޑރ. ސެބީގެ ޑޮކިއުމަންޓްރީގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމެރިކާގެ ފިލްމީ ތަރި އަދި ރެޕް އާޓިސްޓެއް ކަމަށްވާ ނިކް ކެނަން ވަނީ އިޝާރާތް ކޮށްފައެވެ.
މި އަހަރު އެކަނީ 60 އަށް ވުރެ ގިނަ ބަޑީގެ ހަމަލާ
ކޮންމެ ގޮތެއް ވިޔަސް، ނިޕްސީގެ މަރުގައި އެމެރިކާގެ ސަރުކާރުގެ އިހުމާލެއްވާކަން ކަށަވަރެވެ.
ނިޕްސީ މަރު އެކަންޏެއް ނޫނެވެ. އެމެރިކާގައި މި އަހަރު އެކަނި ވެސް 60 އަށް ވުރެ ގިނަ ބަޑީގެ ހަމަލާ ދީފައިވާ އިރު، މި ހަމަލާ ތަކުގައި 240 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ބަޑީގެ ހަމަލާ މި ހާ ގިނަ އިރު ވެސް، އެމެރިކާގެ ސަރުކާރުން ބަޑި ގެންގުޅުމުގެ ގަވާއިދު މުރާޖައާކޮށް ވަރުގަދަ ކުރުމާ ދެކޮޅެވެ.
ނިއު ޒިލޭންޑަށް ބަލާލަމާ ހިނގާށެވެ.
1997 ވަނަ އަހަރަށް ފަހު ނިއު ޒިލޭންޑްގައި ބަޑީގެ ހަމާލާއެއްގައި މީހުން މަރާފައިވަނީ މި އަހަރުގެ މާޗް މަހުއެވެ. ކްރައިސްޓްޗަރޗްގެ މިސްކިތްތަކަށް ހަމަލާދީ 50 މީހުން މަރާލާފައިވާ އިރު، ގައުމުގެ ބަޑީގެ ގަވާއިދުތައް މުރާޖައާ ކުރުމަށް ވަގުތުން ބޮޑު ވަޒީރު ނިންމެވިއެވެ.