Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 14:04
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އެމްޑީޕީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކުރީ ސަރުކާރުން ނަރުދަމާއަކަށް 70 މިލިއަން، މިހާރު 27 މިލިއަން: ރައީސް ސޯލިހު 
މިދިޔަ ސަރުކާރު ތެރޭގައި ކަރަޕްޝަން އޮތް މިންވަރު ހާމަވޭ

މީގެ ކުރިން ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް 70 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިހާރު ހަމަ އެފަދަ މަޝްރޫޢުތަކަށް ހުށަހަޅަނީ 27 މިލިއަން ރުފިޔާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބިލެތްދޫއަށް ބުދަ ދުވަހުގެ ހެނދުނު ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހާމަކަމާ އެކު ދެފުށް ފެންނަ އުސޫލުން ސަރުކާރުގެ ޕްރޮޖެކްޓްތަކަށް ބިޑް ކުރެވޭ ގޮތަށް ބިޑް ކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުމުން ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ އަގުތައް 50 އިންސައްތައަށް ކުޑަވެގެންދިޔަތަން ފެންނަމުންދާ ކަމަށެވެ. އަދި އެއީ ކަރަޕްޝަން މިދިޔަ ސަރުކާރު ތެރޭގައި އޮތް މިންވަރު ކަމަށް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން އަލަަށް އެ ބިޑްތައް ހުޅުވާލީމާ އެއަށް އަންނަ އަގުތަކުން އަޅުގަނޑުމެންނަށް އެބަ އެނގޭ. އޭރު 70 މިލިއަން ރުފިޔާ އަށް އެވޯޑް ކޮށްފައި ހުރި ޕްރޮޖެކްޓެއް މިއަދު އިއުލާން ކުރީމާ އަގު ތިރިވެގެން ހިނގައްޖެ 27 މިލިއަން ރުފިޔާ 30 މިލިއަން ރުފިޔާއަށް. އެހެންވީމާ ކުރީގެ ސަރުކާރުން 70 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން އަޅާފައި އޮތް ފެނާއި ނަރުދަމާގެ ނިޒާމަކަށް މިއަދު އަޅުގަނޑުމެން މި ނިންމަނީ 27 މިލިއަން، 30 މިލިއަން ރުފިޔާއަށް،" ރައީސް ސޯލިހު ވިދާޅުވިއެވެ. 

ސަރުކާރުން ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ފަރާތްތަކުގެ ވިސްނުމާއި ޚިޔާލު ބައިވެރި ކުރެވޭނެ ގޮތްތަކެއް ހޯދައި، އަމިއްލަ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ދެފުށް ފެންނަ އަދި ވާދަވެރި އުސޫލުތަކެއްގެ މަތިން އަމަލު ކުރެވޭނެ ގޮތްތަކެއް ފަހި ކޮށްދެއްވުމަކީ މި ސަރުކާރުން އިސްކަމެއްދޭ ކަމެއް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ސަރުކާރުން ވަނީ "ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު" ކަނޑައަޅައި އެއަށް އަމަލު ކުރަން ފަށާފައެވެ. މި އުސޫލުގައި ބަޔާންކުރާ ގޮތުން، މަޝްރޫޢަކަށް ޕްރޮޕޯޒަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އެ ފަރާތްތަކާ އެކު ސީދާ މަޝްވަރާ އަށް ދިއުމަށް ހުއްދަ ދީފައިވާ ޕްރޮޕޯޒަލްތަކާއި، އެއްބަސްވުމާ ހަމައަށް ގެންދެވޭ ޕްރޮޕޯޒަލްތަކުގެ މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓްގައި ޝާއިޢު ކުރާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި އުސޫލުގެ ދަށުން ހާމަކުރާ މަޢުލޫމާތުގެ ތެރޭގައި، ޕްރޮޕޯޒަލް ހުށަހެޅި ފަރާތުގެ މަޢުލޫމާތާއި، ހުށަހަޅާފައިވާ ޕްރޮޕޯޒަލްގެ ސްކޯޕް ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އެއާއެކު ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ އަގުތައް 50 އިންސައްތައަށް ކުޑަވެގެން ދިޔަތަން ފެންނަމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް