Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 14:12
ހަމުގެ މައްސަލަތަކެއް ދިމާވެފައިވާ އިބްރާހީމް ރަޝީދު
ހަމުގެ މައްސަލަތަކެއް ދިމާވެފައިވާ އިބްރާހީމް ރަޝީދު
މުހައްމަދު ޝަރުހާން
އިބްރާހީމް ރަޝީދުގެ ފަރުވާ
އިބްރާހީމް ރަޝީދަށް ފަރުވާ ދެމުން އެބަދޭ: މިނިސްޓަރު ޝިދާތާ
އިބްރާހީމް ރަޝީދުގެ ހާލަތު ވަރަށް ގާތުން ބަލަމުންދޭ
ރަޝީދަށް ފަރުވާ ދެމުން ގެންދަނީ ސިއްހީ ފަރުވާ ދޭ މަރުކަޒެއްގައި އެޑްމިޓް ކޮށްގެން

ހަމުގެ ބައްޔެއް ޖެހި، މާލޭ މަގުމަތީގައި ސަލާންޖަހަމުންދާ ގ. ފްރެޝްލައިޓް އިބްރާހީމް ރަޝީދަށް ސިއްހީ ފަރުވާ ދެމުންދާ ކަމަށް މިނިސްޓާރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. 

މި މަސަލައާ ގުޅިގެން މިނިސްޓަރު ޝިދާތާ ބުދަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައިވާ  އިބްރާހީމް ރަޝީދުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އާއިލާގެ ބެލުމުގެ ދަށުން އިބްރާހީމް ރަޝީދު މި ވަގުތު ގެންދަނީ ސިއްހީ ފަރުވާ ހޯދަމުން ކަމަށް ވެސް މިނިސްޓަރު ޝިދާތާ ވަނީ ވިދާޅުވެފައެވެ.

މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ޖަލަށް ހުކުމް ކުރި އިބްރާހީމް ރަޝީދުގެ މައްސަލާގައި މިނިސްޓަރު ޝިދާތާ ވާހަކަދައްކަވާފައި މިވަނީ އިބްރާހީމް ރަޝީދަށް ދިމާވެފައިވާ ސިއްހީ މައްސަލަ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހާމަކުރުމާ ގުޅިގެންނެވެ. 

ރަޝީދަށް ފަރުވާ ދެމުން ގެންދަނީ ސިއްހީ ފަރުވާ ދޭ މަރުކަޒެއްގައި އެޑްމިޓު ކޮށްގެން ކަމަށް ވެސް ޖެންޑަ މިނިސްޓްރީން ބުނެފައި ވެއެވެ.  

ޑޮކްޓަރުންގެ ލަފާގެ މަތިން އިބްރާހީމް ރަޝީދު ޖަލުން ގޭބަންދަށް ދޫކޮށްލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް އެނގިފައި ވެއެވެ.

އިބްރާހީމް ރަޝީދުގެ މައްސަލަ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މީގެ ކުރިން މީޑިއާގެ ސަމާލުކަމަށް ގެނެސްފައިވާއިރު އިބްރާހީމް ރަޝީދުގެ ވަކީލެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އިބްރާހީމް ރަޝީދަށް ހަމުގެ މައްސަލަ ދިމާވީ އޭނާ މާފުށި ޖަލުގައި ހައްޔަރުކުރި ފަހުން ކަމަށެވެ. 

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޖަލުގައި ތިބި ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ނުދޭ މައްސަލަ ވަރަށް ބޮޑަށް ފެންމަތިވެފައި ވެއެވެ. އަދި މޭޑޭގެ މުޒާހަރާއާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދިޔަ އަބްދުﷲ ރަޝީދު މަރުވުމާ ގުޅިގެން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ބަލާފައި ވެއެވެ. މީގެ އިތުރުން ގޮތް ނޭނގޭ ގޮތްގޮތަށާއި ތަފާތު އެކި ސިއްހީ މައްސަލަތައް ގިނަވެ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ގައިދީން މަރުވިކަން ފާހަގަކޮށްލެވެއެވެ. 
 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް