Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 11:06
މަގުމަތީގައި ހުރި ގަސްތަކެއް ކަނޑަނީ
މަގުމަތީގައި ހުރި ގަސްތަކެއް ކަނޑަނީ
މުހައްމަދު ޝަރުހާން
ރުއްގަސް ކެނޑުން
ރުއްގަސް ކެނޑުމުގެ ގަވާއިދަށް އާންމުންގެ ހިޔާލު ހޯދަނީ
މިއަހަރު އެކަނިވެސް 113 ރުއް ކަނޑަން ހުއްދަ ދީފައިވާ ކަމަށް އީޕީއޭ އިން ބުނޭ
މިހާތަނަށް ކަނޑަން އެދުނު ރުއްތަކުގެ ތެރެއިން، 60 އިންސައްތަ ރުއް ކެނޑުން ވަނީ ހުއްޓުވާފައި

ރުއްގަސް ކެނޑުމާއި އަދި އެ ރުއްގަސް ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ ގަވާއިދަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ބައެއް ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑައި، އުފުރައިގެން ރިސޯޓްތަކަށާއި ފަޅު ހިއްކައިގެން ހަދާ ރަށްރަށަށް ގެންދާ މައްސަލަ ވަނީ ބޮޑުވެފައެވެ. މި އަހަރު އެކަނި ވެސް 113 ރުއް ކަނޑަން ހުއްދަ ދީފައިވާ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ )އިން ހާމަކޮށްފައިވެއެވެ.

އީޕީއޭއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް ކަނޑަން އެދުނު ރުއްތަކުގެ ތެރެއިން، 60 އިންސައްތަ ރުއް ކެނޑުން ވަނީ ހުއްޓުވާފައެވެ. އަދި ކަނޑަން ހުއްދަ ދީފައި ވަނީ 10 ޕަސަންޓް ރުކެވެ.

ރުއްގަސް ކެނޑުމާ ދެކޮޅަށް އަޑުއުފުލާ މީހުން ބުނާ ގޮތުން، ވިޔަފާރީގެ ފައިދާއަށް އެތަކެތި ކަނޑައިގެން ގެންދިއުމުގެ ގެއްލުން ތިމާވެއްޓަށް ލިބުމުގެ އިތުރުން ރުއް ގަހަކީ ރަށްރަށުގެ ތިމާވެއްޓާ ގުޅިފައިވާ ތަކެތި ކަމަށް ވުމުން ރުއްގަސް ކެނޑުމުން ރަށްރަށް ހަލާކުވެ އިއާދަ ނުކުރެވޭނެވަރުގެ ގެއްލުންވާނެ ކަމަށެވެ.

ރުއްގަސް އެހެން ރަށްރަށަށް ގެންދަން ހުއްދަ ދެނީ ސިނާއީ ގޮތުން ދަނޑުވެރިކަން ކުރުމާއި އެއާޕޯޓް ތަރައްގީކުރުން ފަދަ ބޮޑެތި މަޝްރޫއުތަކަކީ ގިނަ އަދަދެއްގެ ރުއްގަސް ނަގައި ބިން ސާފުކޮށްގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ފަދަ ހާލަތް ކަމުން އެހާލަތުގައި ރުއްގަސް ނަގައިގެން ގެންގޮސް އެހެން ރަށެއްގައި އިންދުމަކީ ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑު ގޮތެއް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މީގެ އިތުރުން ވެސް ނަގަން ޖެހޭ ހުއްދަތައް ނުނަގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކާ މެދު އެޖެންސީ އިން ތަފާތު ކުރުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބުނެފައިވާ އިރު ސިނާސީ ބޮޑެތި މަސައްކަތްތައް ކުރުމަށް ނަގާ ރުއްގަހުގެ އިތުރުން ހިއްކައިގެން އަލަށް ހަދާ ރިސޯޓްތައް ފެހި ކުރަން މީހުން ދިރިއުޅޭ ރަށްރަށުން ރުއްގަސް ނެގުމުގެ މައްސަލަތައް ފަހަކަށް އައިސް އިތުރުވެފައި ވާކަން ފާހަގަ ކުރައްވާފައި ވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހު ވަނީ 53 ރުއް އުފުރައިގެން ހިންމަފުށިން ބޭރުކުރި މައްސަލައެއް ފެންމަތިވެފައި ވެއެވެ. އަދި މުލަކުން 819 ރުއް ނަގަން ބޭނުންވާ ކަމަށް އެރަށު ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ. ށ. ޅައިމަގުން ގިނަ އަދަދަކަށް ރުއް ނެގި މައްސަލާގައި އެރަށު ކައުންސިލް 190،000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް