Advertisement
ކ. މާލެ
|
3 އޭޕްރިލް 2019 | ބުދަ 15:32
ހެންވޭރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހާއި ރައީސް ނަޝީދު
ހެންވޭރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހާއި ރައީސް ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދު
ދަރަންޏަށް ނަޝީދު ޖެއްސެވި މިސާލު: ރާއްޖެ ވަނީ ޗައިނާ އަތުން ގަންނަން ޖެހިފައި
ރާއްޖޭގެ އިސްތިގްލާލު ގެއްލުނީ ކަމަށް ވިދާޅުވި

ރާއްޖެ، ޗައިނާއަށް ދަރާފައިވާ މިންވަރު މިސާލެއްގެ ގޮތުގައި ޖައްސަވައި، "ރާއްޖެ، ޗައިނާއަތުން ގަންނަން ޖެހިފައިވާ" ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެންމެ ގިނައިން ލޯނު ނަގާފައި ވަނީ ޗައިނާ އިންނެވެ. އެގޮތުން ކުރީގެ ސަރުކާރުން ޗައިނާއިން 1.4 ބިލިއަން ޑޮލަރު ދަރަންޏާއި ގެރެންޓީ ނަގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޓިކެޓްގައި ހެންވޭރު ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ އިންތިހާބެއް ވަގަށް ނަންގަވައިގެން ކަމަށާއި، އެއަށް ފަހު ރާއްޖޭގެ ރައްޔިތުން މުޅިން އެއްކޮށް ދަރުވާލާފައިވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލުތައް އިންތިހާ އަށް ހިންގައި ''ރޯމާ ދުވާލު'' ޔާމީން ގެންދެވީ ވައްކަން ކުރަމުން ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

''ވީ ގޮތަކީ ހޮސްޕިޓާ އަޅަން ކަމަށް ވިދާޅުވެ 50 މިލިއަން ޑޮލަރަށް ކުރެވެން އޮތް ކަމެއް 200 އެތައް  މިލިއަން ޑޮލަރެއް އަރުވައި އޭގެން ވެސް ނާޖާއިޒު ފައިދާ ނެގީ. ވީ ގޮތަކީ ދިވެހިރާއްޖެ ޗައިނާ އަށް ދަރުވާލީ. ދަރިންގެ ދަރިންނަށްދަން ދެން އަޅުގަނޑުމެންނަށް ހަދާނެ އެއްޗެއް ނެތުނީ. އަޅުގަނޑުމެންގެ އިސްތިގްލާލު ގެއްލެނީ. އަޅުގަނޑުމެންގެ މިނިވަން ކަން ގެއްލިގެން ދަނީ. އަޅުގަނޑުމެން މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އެކުރައްވާ މަސައްކަތަކީ ހަގީގަތުގައި ޗައިނާ އަތުން ދިވެހި ރާއްޖެ ގަނެވޭތޯ ބެލުން،'' ނަޝީދު ވިދާޅުވިއެވެ.  

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގައި ވަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައެވެ. އެ މަޝްރޫއުތައް ބޮޑު އަގެއްގައި ހިންގާފައިވިޔަސް އެއަށް މި ސަރުކާރުން ފައިސާ ދޭންޖެހެއެވެ. އަދި ހަމަ އެއާއެކު ޗައިނާއާ ރާއްޖެއާ ދެމެދު ޔާމިންގެ ސަރުކާރުން ވެފައިވާ ބައެއް އެއްބަސްވުންތަކެއް ތަފްސީލު ނެތް ކަމަށާއި، އެއްބަސްވުންތައް ހޯދުމަށް ގެންދިޔުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ.

މި ސަރުކާރުން ޗައިނާ އެކަހެރިކޮށް އިންޑިއާ އެކު ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު ރާއްޖޭއާ ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް ބުރޫއެއް ނާރާނެ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް