އިންސާނާއަށް އުނދަގޫ ދޭ ސޫފާސޫފީގެ ތެރެއިން މަދިރިއަކީ ފާހަގަ ކޮށްލެވޭ ސޫތްޕެކެވެ. މަދިރި، އިންސާނާގެ ގައިން ހަމައެކަނި ލޭ ބޮނީއެއް ވެސް ނޫނެވެ. އަދި އެކަމުގައި އިންސާނާއަށް އާދަޔާޚިލާފު ތަކުލީފެއް ވެސް ޖައްސައެވެ. ލޭބުއިމާ ތަދުކުރުމުގެ އިތުރަށް ނުރައްކާތެރި އެތައް ބަލިތަކެއް އިންސާނާއަށް ޖެއްސުމުގެ މެދުވެރިއަކަށް ވެސް މަދިރިވެއެވެ.
އަޅުގަނޑުމެންނަށް މަދިރިން ސަލާމަތް ވުމަށް ކުރެވޭ އެންމެ އާންމު އެއްކަމަކީ ޞިއްޙަތަށް ގެއްލުން ހުރި ދުމާއި ވަސް އެކުލެވޭ ތަފާތު އުފެއްދުންތައް ބޭނުން ކޮށްގެން މަދިރިން ސަލާމަތްވުމަށް މަސައްކަތް ކުރުމެވެ. ގިނަ ފަހަރު މިފަދަ މަސައްކަތްތައް ވެސް ދަނީ ފަނުފުލުންނެވެ. އެހެންކަމުން މުޅި ރޭގަނޑު މަދިރިތައް ގެންދަނީ ބިރަކާނުލައި ނިދާފައި ތިބޭ މީހުންގެ ގައިގައި ހަފަމުންނެވެ.
މަދިރި، އިންސާނާއަށް ޙަމަލާދެނީ ހަމައެކަނި އޭނާ ނިދާފައި އޮންނަ ވަގުތަކުނޫނެވެ. އޭނާ ހޭލާ ހުންނަ ވަގުތުގައިވެސްމެއެވެ. މަދިރި މިކަން ކޮށްލަނީ ވަރަށް ފަސޭހައިންނެވެ. އިންސާނާއަށް ގިނަ ފަހަރު ޚަބަރުވާއިރު ބަނޑުފުރާލައިގެން މަދިރި އުދުއްސައިގަނެއެވެ. އަދި އޭތި ޝިކާރަ ކޮށްލަން އިންސާނާ ދޫކޮށްލާ ޙަމަލައިން ވެސް ވަރަށް ހުޝިޔާރު ކަމާއެކު އެސޮރު ސަލާމަތްވެއެވެ. އެހެން ނަމަވެސް އިންސާނާގެ ޙަމަލައެއްގެ ބިރެއް ނެތި މަދިރިއެއް މީހެއްގެ ގައިގައި އިށީނދެ މާގިނައިން ލޭ ބޮއި ބަރުހެލި ވެއްޖެނަމަ ނުވަތަ ލޭބުއިމައިގެން މާބޮޑަށް އުޅެފިނަމަ ދެން އިންސާނާގެ ފަރާތުން އަންނަ އަވަސް ޙަމަލާ މާ ނުރައްކަލެވެ. އެ ހަމަލާ އަކީ އެސޮރުގެ ފުރާނައަށް ނުރައްކާ ކޮށްލާ ހަމަލާއެކެވެ. އަދި ބައެއް ފަހަރު އެސޮރު ފިސްފިސްކޮށްލައެވެ.
މަދިރީގެ ވައްތަރުތަކަށް ބަލާލައިރު އާންމުގޮތެއްގައި 3 ވައްތަރެއްގެ މަދިރި އުޅެއެވެ. އެއީ ''އީދްސް އިޖިޕްޓި''، ''ކިއުލެކްސް ޕައިޕިއެންސް''، އަދި ''އެނޯފިލީންސް'' އެވެ. އެނޯފިލިންސްގެ ބާވަތްތަކުގެ ތެރޭގައި ''އެނޯފީލްސް ފެރޯއެންސިސް''، ''އެނޯފީލްސް މަލްޓިކޮލަރ''، ''އެނޯފީލްސް ސާޖެންޓީ''، އަދި ''އެނޯފީލްސް ގެމްބިއާ'' ފަދަ ބާވަތްތައް ހިމެނެއެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މަދިރި އުޅެއެވެ. ނަމަވެސް ހޫނު ގައުމުތަކުގައި އާދަޔާޚިލާފަށް މަދިރި ގިނަކަން ފާހަގަކުރެވެއެވެ.
މަދިރި ދިރިހުރުމުގެ ބުރުހަމަކުރުމުގައި ހަތަރު މަރުހަލާއެއް ކަޑަތުކުރެއެވެ. މަދިރިގެ ފުރަތަމަ މަރުހަލާއަކީ ފެންގަޑަށް ދޫކުރާ ބިސް އެވެ. މަދިރި ބިސް އަޅަނީ ވަކިވަކި ބިސްތަކެއްގެ ގޮތުގައެވެ. މަދިރި ބިސް އެޅުމަށް ފަހު އެބިހުން ލާރވާ ނިކުތުމަށް ވަކި ފިނިހޫނުމިނެއް ބޭނުން ވެއެވެ. އެއީ 52ޑިގްރީ ސެލްސިއެސްއެވެ. ލާރވާ އަކީ މިބުރުގެ ދެވަނަ މަރުހަލާއެވެ. ލާރވާ ފެނުގައި ހަފްތާއެއްގެ ތެރޭގައި 3 ފަހަރު ތޮށިބޭލުމަށް ފަހު 4ވަނަ ފަހަރު ޕިއުޕާ އަކަށް ބަދަލު ވެއެވެ. ޕިއުޕާ އަކީ މިބުރުގެ 3ވަނަ މަރުހަލާއެވެ. ޕިއުޕާ ފެނުގެ ތެރޭގައި ދެތިން ދުވަހު ހޭދަކުރުމަށް ފަހު ފުރިހަމަ މަދިރިއަކަށް ( 4ވަނަ މަރުހަލާ) ބަދަލުވެއެވެ. މިގޮތަށް މަދިރީގެ ދިރިހުރުމުގެ ބުރުހަމަކުރުމަށް 2ހަފްތާ ނަގައެވެ.
މަދިރީގެ ސަބަބުން ޖެހޭ ބަލި ތަކުގެ ތެރޭގައި މެލޭރިޔާ، ފައިލޭރިޔާ، ރީނދޫ ހުން،ޑެންގޫ ހުމުގެ އިތުރުން ޗިކުން ގުންޔާ ހިމެނެއެވެ. މި ބަލި ތަކުގެ ތެރެއިން ރާއްޖޭގައި މިހާރަކަށް އައިސް އެންމެ އާންމުކޮށް ފެތުރޭ ބަލިތަކުގެ ތެރޭގައި ޑެންގީހުމާއި ޗިކަންގުންޔާ ހިމެނެއެވެ. މި ދެބަލީގެ ފާއިތުވި 3 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ޑެންގީ ޖެހިފައިވަ މީހުންގެ އަދަދު އިތުރުވެފައި ވާކަން ފާހަގަ ކުރެވެއެވެ.
އަދި މިއަހަރުގެ މިހާތަނަށް 1303 މީހަކަށް ޑެންގީ ޖެހިގެން ރިޕޯރޓް ކޮށްފައިވާއިރު މިގެ ތެރެއިން އަތޮޅުތަކުން 909 ކޭސް ރިޕޯރޓް ކޮށްފައިވެއެވެ. މާލެ ސަރަހައްދުން މާލެ ވިލިމާލެ އަދި ހުޅުމާލެ އިން 394 ކޭސް ވަނީ ރިޕޯރޓް ކޮށްފައިވެއެވެ. އަތޮޅުތެރެއަށް ބަލާއިރު ޑެންގީ ޖެހިގެން އެންމެ ގިނައިން ރިޕޯރޓް ކޮށްފައިވަނީ ހއ.ރ.އދ.ލ.ގދ. އިންނެވެ
ޗިކަން ގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ފަހުން ރާއްޖޭގައި ޗިކުން ގުންޔާގެ އައުޓް ބްރޭކެއް އައިސްފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ވަރަށް މަދުން ކޭސްތައް ރިޕޯރޓް ކުރެވިފައި ވީނަމަވެސް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 421 ކޭސްވަނީ ރިޕޯރޓް ކޮށްފައެވެ.
މަދިރީގެ ޒަރިއާއިން ފެތުރޭ ބަލިތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމާއި މިފަދަ ބަލިތައް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެ.ޕީ.އޭ ) އިން އެޕްރީލް މަހަށް ދިގުދެމިގެންދާ ކެމްޕެއިނެއް ވަނީ ލޯންޗް ކޮށްފައެވެ. މި ކެމްޕެއިންގެ ހަރަކާތް ކުރިއަށް ގެންދިއުމުގައި ހުރހާ އަތޮޅަކުން ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒު ތަކާއި ކައުންސިލް ތަކާއި ގުޅުން ހުރި ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.