ފެލިދޫ ދާއިރާއަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޓިކެޓުގައި ވާދަކުރާ އަބްދުﷲ އާރިފްގެ ކޮރަޕްޝަން މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އާއިލީ ގޮތުން ގުޅުން އޮންނަ އާރިފް ހިއްސާވާ ކުންފުންޏެއް ކަމަށްވާ ސެންޓަރ އެންޓަރޕްރައިސަސް އިން ހަދަމުންދާ މާފަރު އެއާޕޯޓުގެ މައްސަލައެއް އޭސީސީ އިން ދަނީ ބަލަމުންނެވެ. ކުރިއަށް އޮތް ރައްޔިންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމަށް އާރިފް އެ ކުންފުނީގެ ހިއްސާ ދޫކޮށްލާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެ މައްސަލާގައި އާރިފް ވަނީ މިދިޔަ ފެބްރުއަރީ 25 ގައި އޭސީސީއަށްވެސް ހާޒިރު ކޮށްފައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން 2008 ވަނަ އަހަރު ޓަގް ބޯޓެއް ބަނުމަށް އާރިފްގެ ހިއްސާ އޮންނަ ސެންޓަރ އެންޓަރ ޕްރައިސަސް އާއި ހަވާލުކުރި ނަމަވެސް އެކަމުގައި ކަރަޕްޝަން އެކުލެވޭކަމަށް ބުނެ އޭސީސީއިން އެމަސައްކަތް ހުއްޓުވާފައިވަނީ 2012 ވަނަ އަހަރުއެވެ.
ބޯޓު ބެލެހެއްޓުމުގެ އަގާއި އޭގެ ޖޫރިމަނާ ފައިސާ ނުދެއްކި މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ އެމްޕީއެލްއިން ސެންޓަރ އެންޓަރޕްރައިސަސްއަށް 42.7 މިލިއަން ރުފިޔާ ދިނުމަށެވެ. އެމައްސަލަ އޭސީސީ އާއި އެމްޕީއެލްއިން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ޓަގް ބޯޓެއް ބެލެހެއްޓުމުގެ އަގުގެ ގޮތުގައި 42.7 މިލިއަން ރުފިޔާ ދައްކަން އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އޭސީސީއިން ބުނީ އެމައްސަލަ ބެލި ބެލުމުން ސެންޓަރ އެންޓަޕްރައިސަސްއިން އެ މައްސަލައިގައި ފޯޖް ޑޮކިއުމެންޓެއް ހުށައަޅައިފައިވާ ކަމަށާއި އެމައްސަލަ ނިންމުމަށް ފޯޖް ޑޮކިއުމެންޓް ހުށައެޅިކަން ކަމިޝަންގެ ތަހުގީގަށް ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން އާރިފްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ މޯރވޭ އަރުން އެކްސެލޯއަކީ ލ.އަތޮޅުގައި ސުނާމީ ކާރިސާ އާއި ގުޅިގެން އެޅި ހައުންސިންގ އުނިޓްތަކުގެ މައްސަލައިގައި ކޮރަޕްޝަން އެކުލެވޭކަމަށް އޭ.ސީ.ސީ އިން ނިންމާ ދަޢުވާކުރި ކުންފުންޏެކެވެ.
މިކަމާއި ގުޅިގެން އާރިފްގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް މި ޚަބަރު ޕަބްލިޝް ކުރުމާއި ހަމައަށް ވަނީ ލިބޭގޮތް ނުވެފައެވެ.