އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތާއި ހޯދުންތައް ބެލެނިވެރިންގެ މެދުގައި ޙިއްޞާކޮށް އެކަކު އަނެކަކަށް ހިތްވަރުދޭ ސަޕޯޓް ގްރޫޕުތައް ހަރަކާތްތެރިވެ މިފަދަ ގްރޫޕްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިލްތިމާސްކުރައްވައިފިއެވެ.
އަންގާރަ ދުވަހު ހެނދުނު އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ އޯޓިޒަމް ސެންޓަރުގައި ބޭއްވި ޢާއިލީ ނާސްތާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ ފަރާތްތަކަށް ދިމާވާ ތަފާތު ކަންތައްތައް ޙައްލުކުރުމަށް އެކަމުގެ މަޢުލޫމާތު އޮޅުންފިލުވުމަށް އެންމެ ފަސޭހަވާނީ އެފަދަ އަނެއް ބެލެނިވެރިޔާގެ ގާތުން ކަމަށެވެ.
އެގޮތުން އެކި ފަރާތްތަކުގެ ފޯރުންތެރިކަމާއި ހާލަތު ހުންނަގޮތުން އެފަދަ ކޮންމެ މީހަކީ ރާއްޖެއިން ބޭރަށް ގޮސް ނުވަތަ ރާއްޖެއިން ވިއަސް، ފަރުވާ ހޯދާ މީހަކަށް ނުވެދާނެކަން ފާހަގަ ކުރައްވަމުން އެކަމަނާ ވަނީ ފަރުވާ ހޯދަމުންދާ ފަރާތްތަކުން އެފަދަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ، ވެދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި ފާހަގަކުރައްވައިފައެވެ.
"ގިނަފަހަރަށް މިފަދަ ޖަމިއްޔާއެއް އުފައްދާ އެޖަމިއްޔާއެއްގައި އުޅުއްވާނީ ތިމާއަށް ނުވަތަ ތިމާގެ ގާތްމީހަކަށް އެފަދަ ކަމެއް ދިމާވުމުން އެމީހުންނަށް އަޅާލާ އޯގާތެރިވެ ރަނގަޅު ގޮތްތަށް ހޯދައިދޭން ބޭނުންވާ މީހުން. މީގެއިތުރުން މިފަދަ ހާލަތެއްގައި ހުރި މީހަކީ އަމިއްލަ ފަރުދެއްގެ ގޮތުން މިފަދަ ކަންކަން ނުކުރެވޭ މީހާގެ އަޑަކަށްވެ އޭނާގެ ހައްގުގައި ވަކާލާތު ކުރުމަކީވެސް ޖަމިއްޔާއަކުން ކުރުން ލާޒިމް ކަމެއްކަމަށް އަޅުގަނޑު ގަބޫލު ކުރަން. އަދި ޖަމިއްޔާއަކުން ފޯރުކޮށްދޭ ޚިދުމަތަކީ ވީވަރަކުން ހިލޭ ނުވަތަ ވީ އެންމެ ކުޑަ އަގެއްގައި ފޯރުކޮށްދޭ ޚިދުމަތަކަށް ވާންޖެހޭ" ފަޒުނާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އެކަމަނާ ވިދާޅުވި އަސާސީ ޙައްޤުތައް ލިބިދިނުމުގައި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާފުކުރުމެއް އޮވެގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބުނާ ކަމަށާއި، އެހެނިހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެކޭ އެއްފަދައިން އޯޓިޒަމް ހުންނަ ކުދިންނަށް ވެސް އެންމެ މުހިންމީ އެ ބަލީގެ އުނދަގޫތައް އިހުސާސްކުރަން ނުޖެހި، އިތުރު ވޭންތައް ތަހައްމަލުކުރަން ނުޖެހޭނެގޮތަކަށް މުޖުތަމަޢުގެ ކަންކަން ބައްޓަންވެފައި ހުރުން ކަމަށެވެ.
"އޭޕްރީލް މަހަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރއަށް ޚާއްޞަ ކުރެވިފައިވާ މަހަކަށް ވީ ހިނދު މިކަމާ ގުޅޭ މަޢުލޫމާތާއި އެފަދަ ފަރާތްތަކުގެ އިޙްސާސްތައް ދެނެގަތުމަށް ކޮންމެ ބޭފުޅަކުވެސް ކޮންމެވެސް ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އެކަމަނާގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް" ފަޒުނާ ވިދާޅުވިއެވެ.
މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އޯޓިޒަމް ސެންޓަރުގެ ވެބްސައިޓް އިފްތިތާޙްކޮށްދެއްވައި، 100 ކުޑަކުދިން ބައިވެރިކޮށްގެން އެފަރާތުން ކުރިއަށްގެންދާ "ޗައިލްޑް ޑިވެލޮޕްމަންޓް ސްކްރީނިންގ" ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވާފައެވެ.