އެޖެންޑާ 19 ކަށަވަރުކޮށްދެނީ ރިސޯރޓްގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާ އަދާކުުރުމަށް ފަހު އާއިލާއާ އެކުގައި ނިދަން ލިބޭނެ ފުރުސަތު އެޖެންޑާ 19 އިން ކަށަވަރުކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ނ. ހޮޅުދޫ ދާއިރާ އަށް ވާދަކުރައްވާ ޔޫނުސް އަލީއަށް ތާއީދު ހޯއްދެވުމަށް ނ. މިލަދޫއަށް ވަޑައިގެން، އެ ރަށުގައި ބޭއްވި އެޖެންޑާ 19 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިސޯރޓްގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް، ވަޒީފާ އަދާކޮށް ނިމުމުން އާއިލާއާ އެކުގައި ނިދާލަން ދެވޭނެ ފުރުސަތު ކަށަވަރުކޮށްދެއްވާނެ ކަމަށާއި، ގާނޫނެއްގައި ލިޔެ އެކަން އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކޮށްދެއްވާނެ ކަމަށެވެ.
އެޖެންޑާ 19 އިން 19 ވަނަ މަޖިލީހުގައި އެމްޑީޕީން ކޮށްދޭނެ ކަންތައްތަަކަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަތޮޅުތައް ހިންގުމުގެ ބާރު ލާމަރުކަޒީ ގާނޫނުން ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަަމަށެވެ. ރަށު ކައުންސިލްތަކަށް ރަށުގައި ހިންގާ މަޝްރޫއުތަކުން މަންފާ ލިބޭނެ ގޮތް ހަދާ، ލާމަރުކަޒީ ގާނޫނުން ރަށް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެން ދިއުމުގެ ސަބަބުން ރަށްތައް ތަރައްގީވެގެން އަންނާނެ ކަމަށެވެ. އެކަން ގާނޫނެއްގައި ލިޔެ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކޮށްދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހޮޅުދޫ ދާއިރާގެ ހުރިހާ ރަށެއްގައި ވަޒީފާ ބޭނުންވާ އެންމެނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަޒީފާ ކަށަވަރުވެގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނީ 19 ވަަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ. އެމްޑީޕީއަކީ ސަމާސާ ވައުދުވާ ޕާޓީއެއް ނޫން ކަމަށާއި، މިހާތަނަށް އެ ޕާޓީން ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް ވެސް ފުއްދައިދީފައި ވާނެ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހޮޅުދޫ ދާއިރާގެ ރައްޔިތުންނަށް ރައީސް ސޯލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށާއި، އެކަންތައް ކުރުމަށް ބޭނުންވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ. ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހޮޅުދޫ ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓް ޔޫނުސްއަށް ވޯޓް ދެއްވުމަށް ދާއިރާގެ ރައްޔިތުންގެ އަރިހުގައި ރައީސް ނަަޝީދު ވަނީ އެދިވަޑައިގެންފައެވެ.
ހޮޅުދޫ ދާއިރާގައި ހިމެނެނީ ހޮޅުދޫ، މަގޫދޫ، މިލަދޫއެެވެ. މިލަދޫގެ އާބާދީއަކީ 4145 މީހުންނެވެ.