ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަން އަމަލުތަކުގެ ސަބަބުން ތަރައްގީގެ ނަމުގައި ހިންގި މަޝްރޫތައް ފުރިހަމަ ކުރުމަށް ހުރި ގޮންޖެހުންތައް މިސާލާ އެކު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ ދެއްވައިފިއެވެ.
ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ ހިސާން ހުސައިންގެ ކެމްޕެއިން ޖަލްސާގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން، މިސާލެއްގެ ގޮތުގައި ރައީސް ވިދާޅުވީ އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތަށް މެޝިނެއް ވައްދައިފި ނަމަ، ދޮރު ނުލެއްޕޭ ކަމަށެވެ. އަދި ވިދާޅުވީ ހިޔާ ފްލެޓްގެ ކޮޓަރިއަކަށް އެނދެއް ވައްދައިފި ނަމަ، އަލަމާރިއެއް ވެސް ވެއްދޭ ވަރުގެ ޖާގަ ނެތް ކަަމަށެވެ.
ރައީސް ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތަކީ ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނަ ގޮތަށް އިމާރާތް ކުރެވިފައިވާ ތަނެއް ކަމަށެވެ. އެ އިމާރާތަކީ 54 މިލިއަން ޑޮލަރަށް އިމާރާތް ކުރެވޭނެ ތަނެއް ކަމަށާއި ނަމަވެސް އެ އިމާރާތަށް މިހާތަނަށް ޖުމްލަ 220 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ރައީސް ވިދާޅުވިއެވެ. އެ އިމާރާތަށް ހަރަދުކުރި ފައިސާގެ ތެރޭގައި އިކުއުޕްމަންޓް ގަތުމަށް 80 މިލިއަން ޑޮލަރު ހޭދަ ކުރި ކަމަށާއި ނަމަވެސް އެތަނަށް ހޯދާފައިވާ އިކުއުޕްމެންޓަކީ 23 މިލިއަން ޑޮލަރަށް ގަނެވޭ ސަމާނު ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ތަންކޮޅެއް ދުރުން ފެންނާނެ އުސް އިމާރާތެއް. ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނަ ގޮތަށް އިމާރާތް ކުރެވިފައިވާ އިމާރާތެއް. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެ އިމާރާތް ކުރުމަށް ބަޖެޓް ކުރެވިގެން އޭރު ގޮސްފައި އޮތް ވަރު. 54 މިލިއަން ޑޮލަރަށް އެޅޭ އިމާރާތެއް، 144 މިލިއަން ޑޮލަރު ހޭދަކޮށްގެން އަޅާފަ ހުރީ. އެ ހިސާބުން އެކަން ނިމުނީއަކީ ނޫނޭ. އަދި އެތަނަށް ބޭނުންވާ ފަރުނީޗަރާއި އިކުއުޕްމެންޓް ގަތުމަށްޓަކާ އިތުރު 80 މިލިއަން ޑޮލަރު ނަގައިފި. މުޅިއެކު 220 މިލިއަން އެތަނަށް ހަރަދުވޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތުގެ ކޮންސަލްޓެންޓާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރި ފަރާތްތަކާއި އެމަނިކުފާނާ ބައްދަލުވި ކަމަށާއި އެތަން ބިޑުކުރި ގޮތާއި އިމާރާތްކޮށްފައިވާ ގޮތުގެ ކަންބޮޑުން އެ ފަރާތްތަކުން ހިއްސާކޮށްފައިވާ ކަމަށެވެ. އައިޖީއެމްއެޗްގެ އާ އިމާރާތް ހަދާފައި ވަނީ ނުއަގުގައި ކަަމަށް ކޮންސަލްޓެންޓް ބުނި ކަމަށާއި އިމާރާތްކޮށްފައިވާ ގޮތުން ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒްތައް ވެސް އެތަނަށް ނުވެއްދޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ އިމާރާތް ހަދާފައި ވަނީ އެންމެ ފަހުގެ މެޝިނަރީޒް އެތަނުގައި ބޭނުން ކުރެވޭ ގޮތަށް ކަމަށާއި ނަމަވެސް މާ ކުރީ ޒަމާނުގެ މެޝިންތަކެއް އެތަނަށް ހޯދާފައިވުމުން ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
"ތިމަންނަ [ކޮންސަލްޓެންޓް] ލިޔެފައި ހުރި ރިޕޯޓްތައް މިހިރީ އޭ، ބިޑު ހުށަހެޅީމަ އެއީ ގޯސް ބިޑެއް ކަމާއި އެއީ 54 މިލިއަން ޑޮލަރަށް ހެދޭނެ އިމާރާތެއް ކަމަށް ބުނޭ. އެކަން އެގޮތަށް ނުކުރުމަށް ބުނޭ. [އޭރުގެ ސަރުކާރަށް] އެޑްވައިސް ދެއްވާފައިވޭ. އަޅުގަނޑަށް އެބަ ހުރި އެ ހުރިހާ އެއްޗެއް ފޯވާޑުކޮށްފައި،" އައިޖީއެމްއެޗްގެ ކޮންސަލްޓެންޓު ސިންގަޕޫރުން ދިމާވެގެން ދެއްކި ވާހަކަތައް ރައީސް ތަފްސީލުކޮށްދެއްވިއެވެ.
"އެނގިވަޑައިގަންނަވާތޯ އެތަނަށް ގެނައި އިކުއިޕްމަންޓް ކޮޓަރިތަކަށް ވެއްދީމަ އެތަނުގެ ދޮރެއް ނުހުޅުވޭ. ދެން އަނެއްކާ މިޖެހުނީ އިތުރު ހަރަދުކޮށްގެން ދޮރުތައް ސްލައިޑިން ދޮރަށް ބަދަލުކޮށްގެން އަނެއްކާ ވެސް އިތުރު ހަރަދުތަކެއް ކުރަންޖެހެނީ. އަޅުގަނޑު ބުނީމޭ މިހެން ވެގެންނޭ، މިއީ ކިހިނެއް ހަދާފަ ހުރި ތަނެއްހޭ،"
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ހާލަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެތަނުގެ ކޮޓަރިއަކަށް އެނދެއް ވައްދައިފި ނަމަ، އަލަމާރިއެއް ބަހައްޓާނެ ޖާގައެއް އެތަނުގައި ނުހުންނަ ކަަމަށެވެ. އެއީ މީހުން ދިރިއުޅެން ހަދާފައި ހުރި ތަނެއްތޯ ރައީސް ވަނީ ސުވާލުކުރައްވާފައެވެ.
"ކޮޓަރިއެއްގެ ބޮޑު މިނަކީ އަށް ފޫޓް ނުވަ ފޫޓް. އެތަނަށް އެނދެއް ވެއްދީމަ ދެން ނެތް އަލަމާރިއެއް ބަހައްޓާނެ ތަނެއް. ކިހިނެއްތޯ އެތަނުގައި މީހުން ދިރިއުޅެނީ. އިހަކަށް ދުވަހު އިކޮނަމިކް ކޮމެޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން. ބޭނުމެއް ކުރެވޭނެ ތަނެއް ނޫނޭ. އެއަށް ވުރެ ރަނގަޅޭ އެތަން ތަޅާލާފަ އަލުން ތަނެއް ހެދިއްޔާ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އާ މަޖިލީހުގައި ސަރުކާރަށް އަގުލަބިއްޔަތު ބޭނުންވަނީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލައި، ވަކި ފަރާތަކަށް ބުރަ ނުވެ، އިންސާފު ގާއިމްކޮށްދޭނެ ޝަރުއީ ނިޒާމެއް ހޯދަން ކަމަށެވެ. އަދި ރައްޔިތުންނަށް ހަމަނޭވާ ލެވޭނީ "ވައްކަން" ކުރި މީހުން ޖަލަށް ލެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް، ރައްޔިތުންނަށް ހަމަނޭވާ ލެވޭނީ މި ދެންނެވި ވައްކަންތައް ކުރި މީހުން ހިފައި ހައްޔަރުކޮށް ޖަލަށް ލެވިގެން."