ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިހާތަނަށް އެއްވެސް އޮއްޓަރެއް ހުރި ކަމެއް ކުރެވިފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުއްﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގދ. މަޑަވެލި ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މުއާޒު މުހައްމަދު ރަޝީދަށް ތާއީދުކުރާ މީހުންނާ ފޯނުން ގުޅުއްވައި ރައީސް ޔާމީން ވިދާޅުވީ މިސަރުކާރަށް ފަސް މަސްވެގެން ދާއިރު އޮއްޓަރުހުރި ކަމެއް ކުރެވެފައި ނެތް ކަމަށެވެ.
ޔާމީން ވިދާޅުވީ ސަރުކާރުގެ ނުކުޅެދުންތެރިކަން ފޫބެއްދުމަށް ކުރާ ކަމަކީ ފާޑުފާޑުގެ ކޮމިޝަން އުފައްދައިގެން ގާނޫނާ ހިލާފު ކަންކަން ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ.
ރާއްޖޭގެ ތަރައްގީއަށް އަލިއަޅުއްވާލައްވަމުން ޔާމީން ވިދާޅުވީ ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ދިމާލަކަށް ރައްޔިތުން އެދޭ ތަރައްގީ ގެނެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެންމެ އާދައިގެ މީހުންނަށް ދަންދެން ހަމަހަމަ އުސޫލަކުން އެމަނިކުފާނުގެ ވެރިކަމުގައި ތަރައްގީ ގެނެސްދީފައިވާ ކަމަށެވެ.
"އަހަންނަށް އެނގޭ އަހަރެން މި ވާހަކަ ދެއްކީމަ ހޫނު ގަނޑެއް އަތުވެދާނެ. އެކަމަކު މީދޯ މީގެ ހަގީގަތަކީ. އަހަރެން ބަންދުގައި ބަހައްޓާފަ، ޖަލަށްލާފަ ލާރި ހަރަދު ކުރެވޭނެ ގޮތް ހުރިހާ ދޮރުތަކެއް ބަންދުކޮށްފައި މިއީއެއް ނޫން މީހުން ކެންޕޭން ކުރާ ގޮތަކީ، މިއީއެއް ނޫން ޑިމަކްރަސީއަކީ،" ޔާމީން ވިދާޅުވިއެވެ.
ނަމަވެސް ރާއްޖެ ހަލާކު ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، މި ހިސާބަށް ރާއްޖެ ހަލާކުވެފައި އޮތީ ސިޔާސީ ލީޑަރުންތަކެއް ރައްޔިތުންނާ ދޭތެރޭގައި ނުވިސްނާ ހިނގާ ބައެއް ކަންތައްތަކުގެ ސަބަބުން ކަމަށެވެ.
ޔާމީން މިސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާއިރު ރައީސް ސޯލިހު ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ޕްރޮގްރާމަށް 90 ދުވަސް ފުރުނުއިރު، 83 އިންސައްތަ ވައުދު ވަނީ ފުރިހަމަކޮށްފައެވެ. ރައްޔިތުންގެ ފައިދާއާ މަންފާއަށް މި ސަރުކާރުން ފުރިހަމަކުރަމުންދާ މި ވައުދުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.