ހދ. ކުނބުރުދޫއިން ވެލިނަގާ މައްސަލަޔަކީ މިއަދާއި ހަމައަށް އައިރު ވެސް ހައްލު ނުލިބި އޮތް ބޮޑު މައްސަލައެއް ކަމަށް އެ އަތޮޅު ކައުންސިލްގެ މެންބަރު އަލީ މުހައްމަދު ވިދާޅުވެއްޖެވެ.
ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ މުހައްމަދު ވިދާޅުވީ ކުރިން އެ ރަށަކީ 300 ވަރަކަށް މީހުންގެ އާބާދީއެއް ދިރިއުޅުނު ރަށެއް ކަމަށާއި 2008 ހިސާބުގައި ސަރުކާރުން އެ ރަށުގެ މީހުން ހދ. ނޮޅިވަރަމަށް ބަދަލު ކުރި ހިސާބުން ފެށިގެން ކުނބުރުދޫ އިން ވެލި ނަގަމުން ދާ ކަމަށެވެ.
އާންމު ގޮތެއްގައި ކުނބުރުދޫ އިން ވެލިނަގަނީ ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ކަމަށާއި އެ މީހުން ވެލި ނަގަނީ ވިޔަފާރީގެ ބޭނުމަށް ކަމަށެވެ. އަދި މުޅި އަތޮޅަށް ބޭނުންވާ ވެލި ފޯރުކޮށްދެނީ ކުޅުދުއްފުށީގައި ވެލި ނެގުމުގެ މަސައްކަތް ކުރާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ކުނބުރުދޫ ފަޅުރަށެއްގެ ގޮތުގައި ބަދަލުވި ހިސާބުން ފެށިގެން އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ވެސް ދަރު ހޮވުމަށާއި ފަން ހޮވުމަށާއި ތަފާތު ބޭނުންތަކުގައި އެ ރަށަށް ދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވެލިނެގުމުގެ ސަބަބުން އެރަށަށް ލިބެމުންދާ ގެއްލުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ ކުރިން ކުނބުރުދުއަކީ ވަރަށް ބޮޑު ރަށެއް ކަމަށާއި ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ދާއިމީ ގޮތެއްގައި ވެލި ނަގަމުން ދިއުމުގެ ސަބަބުން ރަށް ކުޑަވުމުގެ އިތުރުން ރަށް ގިރާ އަދި ތިމާވެށިގެ އެތައް މައްސަލަތަކެއް އެރަށައް ދިމާވަމުން ދާކަމަށެވެ.
އަލީ ވިދާޅުވީ ކުނބުރުދޫއަކީ އެއްވެސް މީހަކު ބަލަހައްޓަމުން ދާ ރަށެއް ނޫން ކަމަށާއި ރަށް އޮންނަނީ ސަރުކާރުގެ ބެލުމުގެ ދަށުގައި ނަމަވެސް ސަރުކާރުން އެރަށް ބެލެހެއްޓުމުގެ ގޮތުން މިހާތަނަށް އެއްވެސް ކަމެއް ނުކުރާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުން ވެސް އެ މައްސަލައަށް ދެނީ ބީރު ކަންފަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ ދާދިފަހުން ވެސް އެރަށުން ވެލިނަގަމުން ދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު އެރަށުގައި ފުލުހުން ހަރަކާތްތެރި ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވާކަމަށެވެ.
ގޮނޑުދޮށްތަކުން ގިނަ އަދަދަކަށް ވެލި ނެގުމުން ރަށްގިރުން ފަދަ ބޮޑެތި ގެއްލުންތައް ތިމާވެއްޓަށް ލިބެމުން ދާތީ އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް އެދިފައެވެ. އަދި ގަވާއިދާ ހިލާފަށް ވެލި ނަގާ ފަރާތްތަކާ މެދު ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން، ތިމާވެއްޓަށް ގެއްލުންދޭ ފަރާތްތަކަށް ޖޫރިމަނާ ކަނޑައެޅުމާ ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އީޕީއޭ އިން ވަނީ މީގެ ކުރިން ދީފައެވެ.
ވެލިނެގުމަށް ބޭނުންވާ ފަރާތްތަކުން ވެލިނަގަން ހުއްދަ ދޫކޮށްފައިވާ ތަންތަނުގެ މައުލޫމާތު ރަށް ރަށުގެ ކައުންސިލްތަކުން ލިބެން ހުންނާނެ ކަމަށް ވެސް އީޕީއޭ އިން ކުރިން ބުނެފައި ވެއެވެ.