ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅަށް މިރޭ ވައިޓް އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ހުވަދު އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 9:30 އިން ފެށިގެން ދަންވަރު 2:30 އާއި ހަމައަށެވެ. މެޓް އޮފީހުން ބުނީ ވައިޓް އެލާޓް ނެރެފައިވާ ވަގުތުތަކުގައި ހުވަދު އަތޮޅަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ވިއްސާރަ ކުރާނެ ކަމަށެވެ.
މެޓް އޮފީހުން ބުރާސްފަތި ދުވަހުގެރޭ ބުނީ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
އަދި ކުރިޔަށް އޮތް 24 ގަޑިއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 07 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.
ރާއްޖޭގެ މެދުތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، މެދުތެރެއާއި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ކަނޑުުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.