އިސްލާމްދީނުގެ ޓެގް އަޅުވައި ކޮންމެ އިންތިޚާބާ ދިމާކޮށް ވާދަވެރިން ހިންގަނީ ވަރަށް ފިނޑި އަމަލެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގދ. ވާދޫގައި ބޭއްވި ކެންޕެއިން ހަފްލާއެއްގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ ހިތްތަތަކުގައި އެންމެ މަތިވެރި މަގާމެއް ދެވިފައި އޮންނަނީ މާތްވެގެންވާ އިސްލާމްދީނަށް ކަމަށާއި، ސިޔާސީ ވާދަވެރިން މަސައްކަތް ކުރަނީ ދީނޭ ކިޔައިގެން ނަފްރަތު އުފެއްދުމަށް ކަމަށެވެ. ނަޝީދު ވިދާޅުވީ އެމީހުންގެ މަގުސަދަކީ ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ރައްޔިތުންގެ ހިތުގައި އެމްޑީޕީއަށް ނަފްރަތު އުފެއްދުން ކަމަށެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އަމާޒުކޮށް އެމްޑީޕީން އެކަލަވާލި އެޖެންޑާ19 ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގައި ފައްޅި އަޅާނެކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، އެއަށްވުރެ ބުހުތާނު ދޮގެއް ބަޔަކަށް ނުހެދޭނެ ކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި އިސްލާދީނަށް ދިން އަހައްމިއްޔަތުކަން އެހެން ވެރިކަމެއްގައި ނުދެވޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި 3 އަހަރު ތެރޭގައި 47 މިސްކިތް ބިނާ ކުރި ކަމަށާއި، ރައީސް މައުމޫންގެ ދިގު 30 އަހަރު ވެސް މިއަދަދަށް މިސްކިތް ބިނާ ކުރެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ދީނީ އިލްމުވެރިންގެ އަނގަ ބަންދުކޮށްފައި ވަނިކޮށް ދީނީ ނަސޭހަތް ދިނުމުގެ ހުއްދައާއެކު އެބޭފުޅުން ވެސް މިނިވަން ކުރީ އެމްޑީޕީން ކަމަށެވެ.
އިސްލާމްދީނަށް އެމްޑީޕީން ދެމުންދާ އަހައްމިއްޔަތު ރައްޔިތުން ބަލައިގަންނަ ކަމަށާއި، އެކަން އޮޅުވާ ނުލެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ޒަކާތުގެ ފަންޑުގައިވެސް އެމްޑީޕީން ޖެހިފައިނުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެބޭފުޅުން އެވިދާޅުވަނީ އަޅުގަނޑުމެން ފައްޅިހުޅުވާނޭ ވިދާޅުވާއިރު އެބޭފުޅުން އަމިއްލަ ރިސޯޓުގައި ހުރީ ބުދު ބަހައްޓާފައި. އެބޭފުޅުންގެ އަމިއްލަ ރިސޯޓުގައި ހުރީ ބުދަށް އަޅުކަން ކުރެވޭ ގޮތަށް ހަދާފައި. ރާވިއްކުމާ ބަނގުރާ ވިއްކުމާ އޫރުމަހުގެ ފައިދާއިން އެބޭފުޅުންގެ ރިސޯޓުތައް ހިންގަވަނީ. އަޅުގަނޑުމެންނާ ދިމާލަށް ބަދު ބަސް ބުނަން އެބޭފުޅުން ނުކުމެ އެތިއްބަވަނީ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ އަގީދާއަށް ގުޑުމެއް އަންނާނެ ފަދަ އެއްވެސް ކަމެއް އެމްޑިޕީން ނުކުރާނެ ކަމަށާއި، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނެއް ނޯންނާނެ ކަމަށެވެ.