ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 21:51
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މުހައްމަދު ޝަރުހާން
ކައުންސިލްް
ކައުންސިލް ބަޖެޓުގެ ތެރެއިން ޚަރަދުނުވެ ބާކީ ހުރި 31.39 މިލިއަން ރުފިޔާ ޖަމާކޮށްދީފި
މިފައިސާއިން ވޭތުވެދިޔަ އަހަރުގެ ބިލްތައް ދައްކަންޖެހޭ
ޚަރަދު ނުކޮށް ބާކީ ހުންނަ ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދިން ފުރަތަމަ ފަހަރު

ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކަށް މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ޚަރަދުނުވެ ބާކީ ހުރި 31.39 މިލިއަން ރުފިޔާ ކައުންސިލްތަކަށް ޖަމާކޮށްދީފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލަރގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 104 ވަނަ މާއްދާގައި ''ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ފައިސާއެއް އަހަރު ނިމޭއިރު ޚަރަދު ނުކުރެވޭ ނަމަ އެފައިސާ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ޖަމާކުރަންވާނެ'' ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ގަނެފައި ހުރި ތަކެއްޗާއި ހޯދާފައިވާ ޚިދުމަތާއި ގަންނަން އެއްބަސްވެފައިވާ ތަކެއްޗާއި ހޯދަން އެއްބަސްވެފައިވާ ޚިދުމަތްތަކުގެ އަގަށްވާ ފައިސާ ޖެހިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދައްކައި ނިންމަންވާނެ ކަމަށެވެ.

ސާކިއުލަރގައި ބުނީ ރައްޔިތުންގެ މަޖިލީހުން 2018 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ފާސްކޮށްފައިވާ ބަޖެޓުން 31 ޑިސެންބަރު 2018ގެ ނިޔަލަށް ޚަރަދުނުވެ ހުރި ބަޖެޓުގެ ބާކީ ކައުންސިލްތަކުގެ ޚަރަދު ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައި ކަމަށެވެ.

އެގޮތުން މިފައިސާއިން ވޭތުވެދިޔަ އަހަރުގެ ބިލްތައް ދެއްކުމަށާއި، މުދަލާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު ބާކީވާ އަދަދު ކައުންސިލެއްގެ އާމްދަނީގެ ގޮތުގައި ހިސާބުކުރުމަށް ވެސް ކައުންސިލްތަކަށް ވަނީ އަންގާފައެވެ.

''އެކައުންސިލެއްގެ ވަކި ''އާމްދަނީ'' ބޭންކް އެކައުންޓެއް ހުޅުވާފައިވާނަމަ އެއެކައުންޓަށް މިފައިސާ ޖަމާކުރުމަށް ފަހު، އެމައުލޫމާތު 3 ދުވަހުގެ ތެރޭގައި އީމެއިލްގެ ޒަރިއްޔާއިން މި މިނިސްޓްރީގެ އީމެއިލްއަށް ފޮނުއްވުމަށް ދަންނަވަމެވެ.'' ސާކިއުލަގައި ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއީ ޚަރަދު ނުކޮށް ބާކީ ހުންނަ ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދިން ފުރަތަމަ ފަހަރު ކަމަށެވެ.

- ކޮމެންޓް