ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފުގެ މައްސަލައިގައި އެމަނިކުފާނު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.
ރައީސް ޔާމީން ބަންދުގައި ބެހެއްޓެން ނެތްކަމަށް ހައި ކޯޓުން ހުކުމްކުރީ އެ މަނިކުފާނު ހައްޔަރު ކޮށްފައިވާ މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލުކުރުމަށް ފަހުއެވެ.
ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ބައްލަވަމުން ގެންދެވީ ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު އަބްދުއް ރައޫފު އަދި ފަނޑިޔާރު ހަސަން އަލީ އެވެ. ނަމަވެސް، މިއަދު ބަންދު ދޫކޮށްލެއްވުމަށް ނިންމެވި ބެންޗުގައި ފަނޑިޔާރު ރައޫފުގެ ބަދަލުގައި އިންނެވީ ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
އިސްތިއުނާފުގެ މައްސަލަތައް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ކޮށްގެންނެވެ. ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވެފައިވަނީ އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.
މަނީލޯންޑަރިންގެ މައްސަލައެއްގައި ތުހުމަތު ކުރެވިގެން ޝަރީއަތަށް ނުފޫޒުފޯރުވާނެ ކަމަށް ބެލެވި، ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށް ލާފައި ވަނީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވީ ބަލިހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ވަކި ޝަރުތުތަކާ އެކު ގޭބަންދަށް ބަދަލުކޮށްފައެވެ. އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑަކުރި ކަމުގެ ތުހްމަތުގަ އެވެ. އެ މަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް އިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އޭސީސީގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައި ވަނީ އެ ފައިސާ ނޫން ކަމަށް ޚުދު އެމަނިކުފާނު ވަނީ އެއްބަސްވެވަޑައިގެންފައެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.