ކުރު މުއްދަތެއްގެ ތެރޭގައި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މުޅިން ޚަރާބުވެފައި އޮތް ހިންގުމުގެ ނިޒާމެއްގެ ތެރެއަށް ވަދެ، ކަންކަން އިޞްލާޙު ކުރަން ބޭނުންވާ ބަޔަކަށް، 100 ދުވަހަކީ ވަރަށް ކުރު މުއްދަތެއް ކަމަށެވެ. އަދި އެހާ ކުރު މުއްދަތެއްގެ ތެރޭގައި، ގިނަ ކަންތައްތަކެއް، ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ފުރިހަމަކޮށްދެއްވިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކުރު މުއްދަތެއްގެ ތެރޭގައި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ. އެހެންކަމުން، ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން، އެކަންކަން ފުރިހަމަކުރުމުގައި، މި އޮފީހުގެ ޕޮލިސީ އޮފީހާއި، އެހެން އޮފީސްތަކުން ކުރެއްވި މަސައްކަތްވެސް ނުހަނު އުފަލާއެކު ބަލައިގަނެ، މި އޮފީހުގެ ހުރިހާ މުވައްޒަފުންނަށް ވެސް ޝުކުރު ދަންނަވަން,"
މިހާތަނަށް ހާސިލު ނުކުރެވި ހުރި ބައެއް ކަންކަމަކީ، ދައުލަތުގެ އެހެން އިދާރާތަކާއި، އެހެން މުއައްސަސާތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އޭގެ ތެރެއިން ބައެއް ކަންކަމަކީ ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެސްގެން ކުރަންޖެހޭ ކަންތައް ކަމަށާއި، ބައެއް ކަންކަމަކީ، ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާ އެކު ހާސިލުވެގެންދާނެ ކަންތައްތައް ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުގައި މިތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. އަޅުގަނޑުމެން ކުރާ މަސައްކަތް ރައްޔިތުން ވަޒަންކުރާނެ. އަދި އެކަން އަޅުގަނޑުމެން ބަލައިވެސް ގަންނަން. އަޅުގަނޑުގެ އެންމެ ބޮޑު އެއް އަމާޒަކީ، ވީ ވަޢުދުތައް ފުއްދުން. މާތް ﷲގެ މަދަދާއި ވާގިފުޅާ އެކު، މި ސަރުކާރު ވެގެންދާނީ ނަތީޖާ ނެރެދޭނެ ސަރުކާރަކަށް"
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ޝަރުޢީ ދާއިރާ އެންމެ ބޮޑަށް ކިލަނބުވެފައިވަނީ، ކޮރަޕްޝަނާއި ނާޖާއިޒް ފައިދާގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި، އެކަންތައްތައް ހުއްޓުވަންޖެހޭ ކަމަށާއި، ކޮރަޕްޝަނާ ގުޅޭ ގޮތުން މި ސަރުކާރުގެ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކޮރަޕްޝަން ނައްތައިލުމުގެ ވަޢުދުގެ ތެރެއިން، ވިސްލް ބްލޮވިންގ ޕްރޮޓެކްޝަން ބިލާއި، ނުޙައްޤު މުއްސަނދިކަން ހުއްޓުވުމުގެ ބިލް މިހާރު ވާނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައި. ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރާ ބޭފުޅުންނާއި، އެބޭފުޅުންގެ އަނބިންނާއި ފިރިންގެ މުދަލާއި، މާލީ ބަޔާން ހުށަހެޅި، އޭގެ މުހިންމު މަޢުލޫމާތުތައް މިހާރުވަނީ ޢާންމުކުރަން ފަށާފައި. މިކަމުގައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަން ހުރިކަން އަޅުގަނޑު ފާހަގަކުރަން,"
މި ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި، ޖުމްލަ 160 ވަޢުދެއް ހިމެނެއެވެ. އޭގެ ތެރެއިން 83 އިންސައްތަ ވައުދު ފުއްދިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.