Advertisement
ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 12:32
ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކާ ގުޅޭގޮތުން ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކާ ގުޅޭގޮތުން ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ސޯލިހް
ރިޒާވް 805 މިލިއަން ޑޮލަރަށް އިތުރުކުރެވިއްޖެ: ރައީސް
ރައީސް ސޯލިހުގެ ވެރިކަމުގައި 5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހަރަދު ކުރެވިފައިވަނީ 3.9 ބިލިއަން ރުފިޔާ
ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައި

ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މިހާތަނަށް ދައުލަތުގެ ރިޒާވަށް 200 މިލިއަން ޑޮލަރު އިތުރުކުރެވިފައިވާ ކަމަށާއި ދައުލަތަށް ލިބޭ ހިލޭ އެހީ ވެސް އިތުރުވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ޕްރޮގްރާމަށް 90 ދުވަސް ފުރުން ފާހަގަކުރުމަށް ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިއްޖެ ކަމަށެވެ. އަދި މަޤާމާ ޙަވާލުވިފަހުން މިއަދާ ހަމައަށް، ފަސް ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާކަމަށާއި، އެއީ ފަތުރުވެރިކަން ކުރިއަރައި، އިޤްތިޞާދީ ފުދުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެތްކެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

"ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީވެސް ވަނީ ބޮޑުތަނުން އިތުރުކުރެވިފައި. މި ސަރުކާރު ފެށުނު ފަހުން މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ. މީގެ އެތައް ގުނައެއް އިތުރު ހިލޭ އެހީ މިހާރުވެސް އަންނަނީ ހަމަޖެހެމުން."

ރައީސް ސޯލިހް ވިދާޅުވީ މިއަހަރުގެ ބަޖެޓުން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާކަމަށެވެ. އަދި އެއާއެކު ދައުލަތުން އަލަށް ފަށަން ހަމަޖައްސާފައިވާ ގިނަ މަޝްރޫޢުތަކެއް މިހާރު ވަނީ އިޢުލާނު ކުރެވިފައިކަމަށާއި ބައެއް މަޝްރޫޢުތައް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ވެރިކަމުގައި ދައުލަތުގެ ރިޒާވްއަށް ބޮޑު ބަދަލުތަކެއް ގެނެވިއްޖެކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރިޒާވްގައި 592 މިލިއަން ޑޮލަރު ހުރި ނަމަވެސް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރިޒާވް 805 މިލިއަން ޑޮލަރަށް އިތުރު ކުރެވިފައިވާކަމަށެވެ. އެއީ 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު އިތުރުވުމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ޔޫޒަބަލް ރިޒާވަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު، ޔޫޒަބަލް ރިޒާވްގައި ހުރީ 171 މިލިއަން އެމެރިކާ ޑޮލަރު. އަދި މިހާރު ރާއްޖޭގެ ޔޫޒަބަލް ރިޒާވަކީ 242 މިލިއަން އެމެރިކާ ޑޮލަރު. އެހެންކަމުން، މި ސަރުކާރު ވެރިކަމާ ޙަވާލުވިފަހުން، ޔޫޒަބަލް ރިޒާވްވެސް މިވަނީ މަތިކުރެވިފައި."

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގައި 160 ވައުދެއް ހިމަނާފައި ވާއިރު، މިހާތަނަށް 83 ޕަސެންޓް ފުރިހަމަކުރެވި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިއްޖެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް