ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހުށަހަޅާފައިވާ ކަރުދާހުގައި ހިމަނާފައިވާ އެންމެ މުހިންމު އެއްކަމަކީ އަމިއްލަ ގޭގެ ކޮޓަރި ގެސްޓުންނަށް ދޫކުރެވޭ ގޮތަށް "ހޯމް ސްޓޭ" ތައާރަފް ކުރަން ނިންމި ނިންމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހުށަހަޅާ ބަރުލަމާނީ ވައުދުތަކުގެ ތެރެއިން ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ރޮޒެއިނާ ވިދާޅުވީ ޓޫރިޒަމް ފުޅާކުރުމަށް ހުށަހަޅާފައިވާ ކަރުދާހުގައި އެތައް ކަމެއް ހިމަނާފައިވާ ކަމަށާއި، އެންމެ މުހިންމު އެއްކަމަކީ ހޯމް ސްޓޭ މުޅިން އަލަށް ތައާރަފް ކުރަން ނިންމި ނިންމުން ކަމަށެވެ. އެކަމުން އެތައް ފައިދާއެއް ރައްޔިތުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސްގެން ހޯމް ސްޓޭ ތައާރަފް ކުރުމުން ރައްޔިތު މީހާގެ އަތުން ބޮޑު ހޭދައެއް ނުކޮށް، ޖީބަށް ޑޮލަރު ވަންނާނެ ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ ތިން ހަތަރު ކޮޓަރި ނާޅާ ގޭގޭގައި ހުންނަ އެންމެ ކޮޓަރިއަކުން ވެސް ގެސްޓުންނަށް އެންމެ ފެންވަރުގައި ޚިދުމަތް ދެވޭނެ ކަމަށާއި، ފައިސާ ނެތިގެން މި ވިޔަފާރީގެ ތެރެއަށް ނުވަދެވިފައި ތިބެން ނުޖެހޭނެ ކަމަށެވެ. މައިގަނޑު މަގުސަދަކީ މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މިހާރަށް ވުރެ ކުޑަ އިންވެސްޓްމެންޓަކާ އެކު ގެސްޓުން ރަށަށް ގެނެވޭނެ ގޮތް މަގުފަހި ކުރުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
''މިހާރު އޮތް ގޮތުން ވިއްޔާ ގެސްޓްހައުސް ގަވާއިދުގައި މި އޮންނަނީ ގެސްޓްހައުސްއެއް ހިންގޭނީ ތިން ކޮޓަރި މަދުވެގެން ހުރެގެން، ހަ އެނދު ހުރެގެން ކަމަށް. އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު ހޯމް ސްޓޭ މި ތައާރަފް ކުރަނީ. ގޭގައި މި އިންނަނީ އެންމެ ކޮޓަރިއެއް ގެސްޓުންނަށް ކުއްޔަށް ދެވޭނެ،'' ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ތެރެއިން ދަތުރުފަތުރުގެ ނިޒާމު މިހާރަށް ވުރެ ބޮޑަށް ފުރިހަމަ ކުރެވޭނެ ކަމަށާއި، އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރެވޭނެ ކަމަށެވެ. އަސާސީ ޚިދުމަތްތައް ރަނގަޅުކުރެވޭނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް މިހާރަށް ވުރެ ގާތުން ގެސްޓުންގެ ކަންކަން ބެލުމުގެ ޒިންމާ ކައުންސިލްއަށް ހަވާލުކުރެވިގެންދާނެ ކަމަށެވެ.
''މި ދައްކަނީ ގެސްޓް ހައުސް ވިޔަފާރިއަށް ވެސް ބޭރު ދުނިޔޭގައި މާކެޓިން ފުރުސަތުތައް ހުޅުވާލާ ވާހަކަ. ބަޖެޓްގެ ތެރެއިން ގެސްޓްހައުސްގެ ވިޔަފާރިފުޅާ ކުރުމަށްޓަކައި ބަޖެޓް ކަނޑައެޅިގެން މާކެޓިންގ ހަރަކާތްތައް ހިންގާ ވާހަކަ،'' ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ފަތުރުވެރިކަމުގެ ސިނާއަތުން ރައްޔިތުންނަށް އެތައް ފުރުސަތު ތަކެއް ލިބެން އެބައޮތް ކަމަށާއި، މި ހުވަފެންތައް ހަގީގަތަކަށް ވެގެންދާނީ އެޖެންޑާ19 އިން ކަމަށެވެ.