ފިޝަރީޒް ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާޢިމް ކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މަސްދޯނި ފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާޢިމު ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު ބުދަ ދުވަހުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، އެ ލޯނުގެ މަޤްޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީ އާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަވަޤުތު ތާޒާކަންމަތީ ދޯނީގައި ރައްކާކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ކަނޑުމަތީގައި ގިނަ ވަޤުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް އެހީތެރިވެ މަގުފަހި ކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާންގައިވާ ގޮތުން ލޯނުން ޖުމްލަ ދޫކުރެވޭނީ ތިން މިލިޔަން އައްޑިހަ ހަތަރު ހާސް (3,084,000.00) ރުފިޔާއެވެ.
މިނިސްޓްރީން ބުނީ، ލޯނާ ބެހޭ އުޞޫލާއި، ލޯނަށް އެދޭ ފޯމް ސަރުކާރު ރަސްމީ ގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނާއި ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން އަދި އެސް.ޑީ.އެފް.ސީ ގެވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. ލޯނަށް އެދުމުގެ ފަހު ފުރުސަތަކީ 26 މެއި 2019 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ.