އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށް އެސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝުއައިބަތު ސައީދު ވިދާޅުވެއްޖެ އެވެ.
އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ މަގުސަދާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝުޢައިބަތު ވިދާޅުވީ އަމީނިއްޔާ ސްކޫލަކީ އެ ސްކޫލަކުން މުޖުތަމައަށް ފައިދާހުރި ގިނަ ދަރިންތަކެއް ނެރެދީފައިވާ ސްކޫލެއް ކަމަށެވެ. އަދި އެސްކޫލުން ތައުލީމް ހާސިލްކޮށްފައިވާ ދަރިވަރުންނާއި، މިހާރު އެސްކޫލުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނާއި، އަދި އެކުދިންގެ ބެލެނިވެރިންނާއިއެކު ގިނަ ހަރަކާތްތަކެއް ބާއްވާ އުފަވެރި ހިތްހަމަޖެހޭ ވަގުތުތަކެއް ލިބުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަކަށް ހޯދައި ދިނުމަށް ހަަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި އަހަރަށް ބަހާލައިގެން ސިލްސިލާ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާއިރު، އެންމެ ފުރަތަމަ ހަރަކާތަކީ އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "އަމީނިއްޔާ ޑައިމެންޑް ޖުބުލީ" ފެއާ އެވެ. މި ފެއާ އަކީ އެ ސްކޫލުގެ އިސްދަރިވަރުންގެ ޖަމިއްޔާއިން އިންތިޒާމް ކުރާ ހަރަކާތެއްކަމަށް ޝުއައިބަތު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މި ފެއާގައި މިހާތަނަށް އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލް ކޮށްފައިވާ ހުރިހާ ފަރާތްތަކަކުން ބައިވެރިވުމަށް ހަމަޖެހިފައި ވާއިރު ތަފާތު އެކިއެކި ސަބަބުތަކާއި ހުރެ މި އިވެންޓްގައި ބައިވެރި ނުވެވޭ ފަރާތްތަކަށް ޚާއްސަކޮށްގެން މެގަޒިނެއް ނެރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ސުޫލުން ބުންޏެވެ. އަދި މި މެގެޒިންގައި އަމީނިއްޔާ ސްކޫލުގެ ދިގު ތާރީޚާއި އަދި އެ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ބެހޭ މައުލޫމާތު ހިމެނޭނެ ކަމަށް އެސްކޫލުން މައުލޫމާތުދެއެވެ.
ރަމަޟާން މަހަށް ޚާއްސަކޮށްގެން ޚަތިމު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މުޅި ރަމަޟާންމަސް އެއްކޮށް 75 ޚަތިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ޚަތިމު ކުރުމުގެ ގޮތުން ކިޔަވާނީ މިހާރު އެސްކޫލުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ކަމަށް އެސްކޫލުން މައުލޫމަތު ދެއެވެ.
މީގެ އިތުރުން ފުޑް ފެއާ އަކާއި އާޓް އެންޑް ކުރާފްޓް މުބަރާތުގެ އިތުރުން ބައިސްކަލް ދުއްވުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. އަދި "ގޯ ގްރީން" ގެ ނަމުގައި އަމީނިއްޔާ ސްކޫލު ފެހި ކުރުމުގެ ގޮތުން ގަސްއިންދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ޑައިމެންޑް ޖުބުލީ ނިންމާ ހަރަކާތެއްގެ ގޮތުގައި "ފަޔަރ ވޯކް" އާ އެކު ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ލިބެއެވެ.
ޝުއައިބަތު ވިދާޅުވީ އަމީނިއްޔާ ސްކޫލަކީ އިންކްލޫސިވް އެޑިއުކޭޝަން ޕްރެކްޓިސް ކުރަމުންދާ ސްކޫލެއްކަމުން މި މުނާސަބަތާއި ގުޅިގެން ހިންގާ ހުރިހާ ހަރަކާތެއްގައި އެސްކޫލުގެ ހުރިހާ ދަރިވަރުންނާއި، ޓިޗަރުންގެ އިތުރުން ބެލެނިވެރިން ބައިވެރިވާނެ ކަމަށެވެ.
އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި އަންހެން ކުދިންނަށް ޚާއްސަ ކުރެވިގެން ހުޅުވި ފުރަތަމަ ސްކޫލަށް ވާއިރު މި ސްކޫލުގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހެވެ.