މެލޭޝިއާގެ ޔެލޯޝޯޓް ކޮންސަލްޓީ އާއި ސައިރިކްސް ކޮލެޖާއި ގުޅިގެން ''ގްލޯބަލް ލީޑާރޝިޕް ޓްރެންޑްސް'' ތަމްރީން ޕްރޮގްރާމް ބާއްވައިފިއެވެ.
ޔެލޯ ޝޯޓްސް ކޮންސަލްޓީއަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުންނަށް ތަމްރީން ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ހިދުމަތް ދެމުން އަންނަތާ 40 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ސައިރިކްސް ކޮލެޖްގައި އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ދިޔަ މި ތަމްރީން ޕްރޮގްރާމްގައި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި ކިޔަވައި ދެއްވީ ޔެލޯ ޝޯޓްސް ކޮންސަލްޓީގެ ފަރާތުން ނިކޮލަސް ޗެންއެވެ.
ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ނިކޮލަސް ވިދާޅުވީ، މި ޕްރޮގްރާމް ރާއްޖޭގައި ހިންގަން ނިންމި ދުނިޔޭގެ ފާހަގަ ކުރެވޭ ފެންވަރުގެ ކުންފުނިތައް ރާއްޖޭގައި ހުރިކަން ފާހަގަވެފައި ވާތީ ކަމަށާއި، އޭގެ ތެރޭގައި އުރީދޫ އާއި ދިރާގަކީ ދުނިޔެއިން ބަލައިގަންނަ ކުންފުނިތައް ކަމަށެވެ. ދިވެހިރާއްޖޭގެ ހުރިހާ ކުންފުންޏެއް ވެސް އަދި ސަރުކާރުން ވެސް ގުޑް ގަވަރނަންސްގެ އުސޫލުތައް ހިފަހައްޓަން ޖެހޭ ކަމަށާއި، ކުރީގައި އޮތް ކުދި ޖަޒީރާ ގައުމެއްގެ ވިސްނުން ދޫކޮށްލައި މިހާރު ރާއްޖެއަށް އަންނަ ތަރައްގީއާ އެއްވަރަށް ބައިނަލްއަގްވާމީ އުސޫލުތަކަށް ހިންގުންތެރިކަން ބައްޓަން ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
''މިއަދު ކިޔަވައި ދިނީ، އެކި ކަހަލަ ލީޑަރުންނާއި އެކު މަސައްކަތް ކުރެވޭނެ ގޮތް. ވަޒީފާ އަށް މީހުން ނެގުން. އަހަރުމެން މަސައްކަތް މިކުރަނީ ރާއްޖޭގެ އެންމެ ވަރުގަދަ އައިޓީ ކޮލެޖް ސައިރަކްސް ކޮލެޖް. އެއީ ވެސް މުހިއްމު ކަމެއް. އެހެންވެ މި ކޯސް މި ބޭއްވީ މި ކޮލެޖްގައި،'' ނިކޮލަސް ވިދާޅުވިއެވެ.
ސައިރިކްސްއާ އެކު މަސައްކަތް ކުރާތަ ދުވަސްތަކެއް ވެއްޖެ ކަމަށާއި، އެގޮތުން ދެ ފަރާތުން މަސައްކަތް ކުރަނީ އެމްއޯޔޫއެއްގެ ދަށުން ކަމަށް ނިކޮލަސް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވި ފިއުލް ސަޕްލައިގެ މުވައްޒަފަކު ބުނީ، މި ޓްރެއިނިންއަކީ ވަރަށް މުހިއްމު ޓްރެއިނިންއެއް ކަމަށާއި، ލީޑާޝިޕްގެ އިތުރުން ވަޒީފާގެ މަހާއުލާ ގުޅޭ ގިނަ ކަންތައްތަކެއް އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ދިމާވާ ކަންތައްތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތައް އެގިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ހަވާލަކޮށްފައެވެ.