ވަޒީރުންނާއި، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އަމަލު ކުރުމާ ގުޅޭ ގޮތުން އިސްތިޝަރީ ލަފައަކަށް ސުޕްރީމް ކޯޓުގައި އެދުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ގަރާރު ފާސްނުކޮށް ބޭރުކޮށްލައިފިއެވެ.
އެ ނިންމުން ބުދަ ދުވަހު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ 30 މެންބަރުންގެ ވޯޓުންނެވެ. ސުޕްރީމް ކޯޓުން މަޖިލީހަށް އަންގާފައި ވަނީ ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުން ފާސް ކުރާ ގަރާރަކުން އިސްތިޝާރީ ލަފަޔަކަށް އެހެވިދާނެ ކަމަށެވެ.
ވަޒީރުންނާއި، ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ އުސޫލެއް މަޖިލީހުގެ ޢާންމު ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމުގައި އެކަމަށް ގޮތެއް ނިންމުމުގައި މެމްބަރުންގެ ޚިޔާލު ތަފާތުވެފައި ވަނީ ބަހުސް ކުރިއަށްދިޔަ ވަގުތު އެ މައްސަލައިގެ ބަހުސް ކުރިއަށް ދިޔަ ވަގުތު ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވަނީ ގަރާރެއް ހުށަހަޅަން މަސައްކަތް ކުރެއްވުމުންނެވެ.
އާންމު ކޮމިޓީގެ ނިންމުން މަޖިލިހުގައި އެޖެންޑާ ކުރީ ކުއްލިއަކަށް ކަމަށާއި އެންމެ ފުރަތަމަ އެޖެންޑާ އާންމު ކުރި އިރު ގަވައިދުގެ މައްސަލައިގެ ވާހަކަ ނެތް ކަމަށް ވިދާޅުވެ، ގިނަ މެންބަރުން ވަނީ ނިޒާމާ ބެހޭ މައްސަލަތައް ފާހަގަކޮށްފައެވެ. އެކަމާ ހިޔާލު ތަފާތުވީ، އެ ގަރާރު ހުށަހެޅިދާނެ ކަމަށް ވިދާޅުވެ އެކަން ދިފާއު ކުރައްވަން ގާސިމް ފެއްޓެވުމުންނެވެ.
މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން އަމަލު ކުރާނެ ގޮތް 2017 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ ކޯޓުން އެ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރި ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުން ކަމަށެވެ.
އެމްޑީޕީން ބުނެފައި ވަނީ މަޖިލީހުގެ ގަވައިދަށް އާންމު ކޮމެޓީޏް ބަދަލު ގެނައި، އިރު ސުޕްރީމް ކޯޓުގެ ކޯޓުގެ ހުކުމަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އެ މައްސަލަ ދިރާސާ ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ. އަދި ކުއްލިއަކަށް މަޖިލީހުގެ ގަވައިދަށް ބަދަލު ގެނައުމަކީ އެންމެ ބުއްދިވެރިކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތް މަޖިލީހުން ކުއްލިއަކަށް ގަވާއިދުގައި ކަނޑައެޅުމަށް ކޮމެޓީން ފާސްކޮށްފައިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައި ވަނިކޮށެވެ.
މެމްބަރުންގެ ކަންބޮޑުވުންތަކާއެކު ވެސް މެމްބަރު އަހުމަދު އާމިރު ހުށައެޅި ގަރާރު ބަލައިގަނެ އެއަށް ވޯޓަށް އެހިއެވެ. އެހެން ނަމަވެސް މެމްބަރުން ވަނީ އެ ގަރާރު ވަނީ ފާސްނުކޮށް ބޭރުކޮށްފައެވެ.