ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސޯލާ އެނާޖީ ބޭނުން ކޮށްގެން ރާއްޖޭގެ ހުރިހާ މިސްކިތްތައް އެއާކަންޑިޝަން ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން މިސްކިތްތައް އޭސީ ކުރުމުގެ މަޝްރޫޢު ފ. ދަރަނބޫދޫގައި ބުދަ ދުވަހު އިފްތިތާހު ކޮށްދެެއްވީ، އިސްލާމިކް މިިނިސްޓަރ ޑރ. އަހުމަދު ޒާހިރެވެ.
މި ރަސްމިއްޔާތު އިފްތިތާހު ކުރެއްވުމަށް ފަހު އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު ވިދާޅުވީ، ރާއްޖޭގައި 500 އަށް ވުރެ ގިނަ މިސްކިތް ހުރިއިރު، މިސްކިތްތައް އޭސީ ކުރުމަށް ނިންމާފައި ވަނީ އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ކުރި ސާވޭއާއި އެއްގޮތަށް ވަކި ތަރުތީބެއްގެ ދަށުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބަލާނީ އެއްވެސް ވަރަކަށް އޭސީ ކުރެވިފައި ނެތް މިސްކިތްތައް ހުރި ރަށްރަށާއި، މިސްކިތްތައް ބޭނުންކުރާ މީހުންގެ އަދަދު ގިނަ މިސްކިތްތަކަށް އިސްކަންދޭ ފަދަ ގޮތަކަށް ކަމަަށެވެ.
"މިސްކިތްތަކާއި ރައްޔިތުންނާއި ގާތްގުޅުމެއް އުފެއްދުމަކީ މިކަމުގެ މަގްސަދެއް. މިސްކިތްތަކުގައި ކީރިތި ގުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމެއް މި ސަރުކާރުން ވަނީ ފަށާފައި. މީގެ ބޭނުމަކީ ކުޑަ ކުދިންނާއި މިސްކިތްތަކާއި ގާތް ގުޅުމެއް އުފެއްދުން. މިސްކިތްތަކާއި އެކުދިންނާއި އޮންނަ ގުޅުން ބަދަހިވެ ދިނީ ކަންކަމަށް އެކުދިން ލޯބިކުރާނެ" މިނިސްޓަރ ވިދާޅުވިއެވެ.
މިސްކިތްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ދަށުން، ސޯލާ ޕެނަލް ހަރުކޮށްގެން ފުރަތަމަ އޭސީ ކޮށްފައިވަނީ ފ. ދަރަނބޫދޫގެ މަސްޖިދުލް ތަގުވާއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސޯލާ ޕެނަލް ހަރުކޮށްގެން މިސްކިތްތައް އޭސީކުރުމުގެ ސަބަބުން ރަށްތަކުގެ ކަރަންޓްބިލްތައް ވެސް ކުޑަވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުން އެކަމަށް ކުރާ ޚަރަދަށް ވެސް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިތްތައް އޭސީ ކުރުމަކީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ 100 ދުވަހުގެ ވައުދުފުޅެކެވެ.