މި ސަރުކާރުގެ ފުރަތަމަ ހައުސިން މަޝްރޫއު މިއަދު އިއުލާނު ކުރައްވާނެ ކަމަށާއި ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ކުލި އުޅޭނީ 5000 ރ. އާއި 6،000ރ. އާ ދެމެދުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އަތް ފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެ ކަމަށެވެ. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ވާއިރު، އެކަން ހައްލުކުރުމަށް ހިންގާ ސޯޝަލް ހައުސިންގެ މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ ފްލެޓަކަށް މަހަކު 6،000 ރުފިޔާ ދައްކައިގެން ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން 4،000 ހައުސިން ޔުނިޓްގައި މިއަދު ސޮއިކޮށް، އިއުލާނު ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ މިންވަރާއި ހާލަތު ދެނެގަތުމަށް ހަދަމުންދާ ''ހައުސިން އެސަސްމެންޓް'' ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި މިހާރު ގާތްގަޑަކަށް އެކަން ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވިދާޅުވީ މީގެ ކުރިން ހެދިފައިވާ އެސެސްމެންޓްތަކުން ދައްކާ ގޮތުން 20،000 އާއިލާއަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ ކަމަށެވެ.
ސޯޝަލް ހައުސިން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއްގެ ގޮތުގައި ޤާނޫނެއް ހައްދަވާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންތެރޭގައި ރައީސް ސޯލިހް ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އެޖެންޑާ 19 ގައި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން ހިމަނާފައިވެ އެވެ. އަދި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަމެއް ނެތް ރައްޔިތަކު ނުހުންނާނެ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްޓަކައި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ރައީސް ސޯލިހް ވަނީ ކުންފުންޏެއް ވެސް އުފައްދަވައިފަ އެވެ.