ގެެއްލިގެން ހޯދަމުންދާ އައިމިނަތު ޝިމާ ނާފިޒުގެ އަންހެން ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅެނިކޮށް، ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފިއެވެ.
ފުލުހުން ބުނީ މިހިނގާ މާރޗް މަހުގެ 10 ވަނަ ދުވަހު ލ. މާމެންދޫ އިން 17 އަހަރުގެ އަންހެންކުއްޖަކު ގޮވައިގެން ޑިންގީއެއްގައި ދިޔަ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުނަނަށް ވެސް 15 ދުވަހުގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.
މި ތިން މީހުންގެ ވެސް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އަންގާރަ ދުވަހު ލ. ގަން މެޖިސްޓްރޭޓް ކޯޓުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ބަންދުގެ މުއްދަތު ޖެހި މީހުންގެ ތެރޭގައި ޝިމާ ގޮވައިގެން ޑިންގީގައި ދަތުރުކުރި މީހާ، ލ. ގަމު އިބްރާހިމް ފަޒީލް ވެސް ހިމެނެއެވެ.
ފަޒީލާއި ޝިމާ ދަތުކުރި ޑިންގީ ބަންޑުން ޖަހާލައިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި ފަޒީލް ސަލާމަތްވީ ފަތާފައި، އެ ސަރަހައްދުގައި އޮންނަ ސިކްސް ސެންސް ރިސޯޓަށް އަރައިގެން ކަމަށް އޭނާ ބުނެއެވެ.
ޝިމާގެ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅުނު ބަޔަކު ހުއްޓުވީ ސިކްސް ސެންސް ރިސޯޓް ކައިރިންނެވެ. ފުލުހުން ބުނެފައި ވަނީ ހައްޔަރު ކުރީ 22 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.