ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ ހުސައިން ޝަރީފް (އަނދުން ހުސައިން)ގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކަނޑައަޅައިފިއެވެ.
އަނދުން ހުސައިންގެ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގުކޮށް ނިންމުމަށް ފަހު އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ވާދަކުރާ ދާއިރާގެ ކުދިންތަކަކަށް އިންޑިއާގެ ބެންގަލޫރުގެ ޔުނިވަރސިޓީއަކުން ސްކޮލަރޝިޕް ފުރުސަތުތަކެއް ހޯދައި ދިނީ އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ކަމަށެވެ. އަނދުން ހުސައިންއަށް ތުހުމަތު ކުރެވުނީ ކެމްޕެއިން ހަރަދުތަކުގެ ތެރެއިން އެ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިން ކަމަށެވެ.
މީގެ އިތުރުން އަނދުން ހުސަައިންގެ ހިއްސާ އޮންނަ ސިރިއަސް އެންޓަރ ޕްރައިސަސްގެ އެއްވެސް ހިއްސާދާރެއްގެ ކުށުގެ ރެކޯޑެއް އޭސީސީގައި ނެތް ކަމަށާއި އެ ކުންފުނީގެ ކޮރަޕްޝަންގެ މައްސަލައެއް ވެސް ބަލަމުން ނުދާ ކަމަށް ވެސް އޭސީސީން ވަނީ އެހެން ބުނެފައެވެ. އޭސީސީން އެހެން ބަޔާންކޮށްފައި ވަނީ އެ ކުންފުނީގެ އެމްޑީ އަލީ އާރިފަށް ފޮނުވި ސިޓީއެއްގައެވެ.
އަނދުން ހުސައިންގެ ކޮރަޕްޝަންގެ މައްސަލަ ބަލަން ފެށީ އޭސީސީގެ އަމިއްލަ އިސްނެގުމުގައެވެ. އަދި އޭސީސީން ވަނީ މި މައްސަލައިގައި އަނދުން ހުސައިން ހާޒިރުކޮށް އޭނާއާއި ސުވާލުވެސް ކޮށްފައެވެ.