އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަންތަނަކީ ރައްކާތެރި ތަންތަނަށް ހެދުމަށް، އައްޑޫ ސިޓީގައި އިމާރާތްކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެ ސިޓީ މޭޔަރ ޢަބްދުﷲ ސާދިޤް ގޮވާލައްވައިފިއެވެ.
މޭޔަރ ވިދާޅުވީ، ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތީ ކަންކަން ހުރި ނެތް ގޮތް ބަލާ އެކަންކަން އަވަށު އޮފީސްތަކުން މޮނިޓަރ ކުރައްވަމުން ގެންދަވާނެ ކަމުގައެވެ.
"އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު" މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައި ކަމަށާއި، އެހެންކަމުން އެ ގަވާއިދަށް އަހުލުވެރިވެ، އިމާރާތްކުރުމުގެ މަސައްކަތްތައް ކުރުމުގައި އާންމުންގެ ސަލަމާތަށާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މޭޔަރ ވަނީ އެދިވަޑައިގެންފައެވެ.
އިމާރާތް ކުރުމުގެ ގަވާއިދަށް އަމަލުކުރަން ފަށާފައިވާއިރު ،އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑު ވަނީ ގަވާއިދާ ހިލާފު އަމަލެއް ކޮށްފި ނަމަ ބައި މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތަށެވެ.
ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގައި 1.5 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު މަސައްކަތެއް ނަމަ، މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި، އާންމުންގެ ސަލާމަތީ ކަންކަމާއި ޞިއްޙަތު ރައްކައުތެރިކުރުމަށް މުވައްޒަފުންނަށް ތަމްރީނުދީ، އެކުލަވަލެވޭ ހެލްތު އެންޑް ސޭފްޓީ ކަރުދާހުގައިވާ ކަންކަން 90 ދުވަހުގެ ތެރޭގައި ތަންފީޒުކުރަންޖެހެއެވެ. އަދި ކުއްލި ހާލަތުގައި އަމަލުކުރާނެ ޕްލޭނެއް އެކުލަވާލަންޖެހެއެވެ. އޭގެ އިތުރުން މަސައްކަތުގެ ވެށީގައި ސަލާމަތްތެރިކަން ބަލަހައްޓާ ސަރުދާރެއް ޢައްޔަންކުރުން ވެސް ލާޒިމުކުރެ އެވެ.
އިމާރާތްކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ނާޅައި މަސައްކަތް ކުރުމުގެ ސަަބަބުން ހިތާމަވެރި ގިނަ ހާދިސާތަކެއް ވަނީ ހިނގައިގެންގޮސްފައެވެ. އެގޮތުން އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ޖެހުމުގެ ސަބަބުން ތުއްތު ކުއްޖަކު ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ.