އައިޖީއެމްއެޗްގައި ގާއިމްކުރި ސެންޓާ ފޯރ މެންޓަލް ހެލްތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވާދެއްވައިފިއެވެ.
ރައީސް ސޯލިހު އެ ސެންޓަރު ހުޅުވައިދެއްވީ އެކަމަށް ހާއްސަކޮށްގެން ހޯމަ ދުވަހު އެ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ނެޝަނަލް މެންޓަލް ހެލުތު އިންސިޓިޓިއުޓް އުފައްދާ، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދު ތެރޭގައި ހިމެނޭ ވައުދެކެވެ.
ސެންޓާ ފޯރ މެންޓަލް ހެލްތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު އަރިހުގައި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަހްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސެންޓަރާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ޑރ. ޝަނުހާ މަންސޫރު ވިދާޅުވީ، ސެންޓަރުގައި ސައިކެޓަރިސްޓުންނާއި ސައިކޯތެރަޕިސްޓުން ބައްލަވާނެ ކަމަށެވެ. އައިޖީއެމްއެޗްގައި މިހާރު ވެސް ޕިޒިއޮތެރަޕިސްޓުންގެ ހިދުމަށް ދޭއިރު މި ސެންޓަރުގައި އާ ހިދުމަތަކަށް ދެވޭނީ ސައިކޮލެޖިކަލް ސަރިވިސްގެ ހިދުމަތެވެ.
އެޕޮއިންޓްމެންޓް ހައްދަން ބޭނުންވާ ފަރާތްތަކުން މިހާރު ވެސް އަމަލުކުރާ އުސޫލުގެ މަތިން ކުރިޔަށް ގެންދެވޭނެ ކަމަށާއި، ދެއްކޭނީ ކިޔުގައި ޖެހިގެންނެވެ. އަދި ސެންޓަރު ހުޅުވާފައި ހުންނާނީ އާއްމުކޮށް ހިދުމަތް ދޭ ގަޑިތަކުގައި ކަމަށް ޝަނޫހާ ވިދާޅުވިއެވެ. މި ސެންޓަރުގެ ހުޅުވިގެން ދިޔުމަކީ ސިއްހީ ދާއިރާ އަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ޝަނޫހާ ވަނީ ފާހަގަކުރައްވާފައެވެ.
''ސެންޓަރުގެ ބޮޑު އެއް އަމާޒަކީ އަސްލު މުޖްތަމައު ނަފްސާނީ ބައްޔާ ބެހޭ ގޮތުން ދެކޭ ގޮތް ބަދަލުކުރުން. މިވެސް ހަމަ އެހެން ބަލިތަކެއް ފަދަ ބަލިތަކެއް ކަން ހުރިހާ ބޭފުޅުންނަށް އަންގަވާ ފަރުވާ ކުރެވޭ ކަމެއް ކަން,'' ޝަނުހާ ވިދާޅުވިއެވެ.
މިހާރު ޑޮކްޓަރަށް ދައްކަން ތިން ރޫމް ހުއްޓަސް ކުރިޔަށް އޮތްތާނގައި އެ އަދަދު އިތުރު ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.