އޭޕްރީލް 6 ގައި ބާއްވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީސް އިންތިޚާބެއް ނޫން ކަމަށާއި އެއީ ޖުޑީޝަރީ އަދި މުއައްސަސާތަކުގެ ވެސް އިންތިޚާބެއް ކަމަށް މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދު ( ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރިން ވެސް ކުރައްވާފައިވާ އިބްރާހިމް ރަޝީދު ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ މި އިންތިޚާބަކީ ރައްޔިތުންނަށް އިންސާފް ގާއިމް ކޮށްދީ މުއްސަންދިންނާއި ފަގީރުންނާއި ދެމެދުގައި ވާ ފަރަގު ކުޑަ ކޮށްދޭނެ އިންތިޚާބަކަށް ވާންޖެހޭނެ ކަމަށެވެ. އެހެން ކަމުން މި އިންތިޚާބު ހަމައެކަނި ޚާއްސަ ވަނީ ރައްޔިތުންގެ މަޖިލީހަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ވޯޓް ދެއްވާއިރު ވިސްނަންޖެހޭ ތިމާމެން މި ވޯޓް ދެނީ ކޮންބަޔަކަށްތޯ؟ ވޯޓް ގަތުމަށް ދޭ އެއްޗަކަށް ވުރެން ތިމާމެންގެ މުސްތަގުބަލަކީ މާ މުހިންމު އެއްޗެއްކަން ކޮންމެ މީހަކުވެސް ދަންނަންޖެހޭ. އެއީ އަންނަން އޮތް ޖީލުތަކަށް ޓަކައިވެސް ޒުވާނުންނާއި ދަރިންގެ މުސްތަގުބަލަށްޓަކައިވެސް،" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި އިންސާފަކީ ހަމައެކަނި ޖިނާއީ އަދުލުގެ ނިޒާމް ނޫން ކަމަށާއި އިޖުތިމާއީ އަދުލުވެސް މުޖުތަމައުގައި ގާއިމް ކުރަންޖެހޭ ކަމަށެވެ.
އެގޮތުން ގޭތެރޭން ލިބޭ ގެވެށި އަނިޔާތަކަށް އިންސާފް ލިބެންޖެހޭއިރު ގޯތިގެދޮރުގެ މައްސަލަތަކަށްވެސް އިންސާފު ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރުވެރިކަން ދެއްވުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލަށް މެންބަރުން ވޯޓް ދެއްވާފައި ނުވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރަޝީދު ވިދާޅުވީ މީ ވަކި ވަކި ފަރުންދުންނާއި ގުޅޭ ކަމެއް ނޫން ކަމަށާއި މުޅި މުޖުތަމައުގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ. މި ބިލަށް ވޯޓް ދީ ބިލް ފާސްވެއްޖެ ނަމަ މުޅި މުޖުތަމައުގައި އިންސާފު ގާއިމް ވެގެންދާނެއެވެ. އެއީ މުސްތަގުބަލަށް ކޮށޭ މަގެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
"ފެނިވަޑައި ގަންނަވާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅާފައި. އެބިލުގައި އެވަނީ ރައްޔިތުންނަށް ލިބުނު އަނިޔާތަކަށް ބަދަލު ހޯދުމަށް. ނަމަވެސް އެއަކަށް ވޯޓެއް ނުދެއްވި. ނަމަވެސް އަޅުގަނޑުމެން ބައިވެރިވީ ކޯލިޝަންގެ ނަމުގައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޯލިޝަން އަދިވެސް އެބައޮތް. އަޅުގަނޑު އުއްމީދު ކުރަން އެ ކޯލިޝަން ދެމި އޮންނާނެ ކަމަށް. އެއީ އަޅުގަނޑުމެން ދެން ބޭނުމެއް ނޫން އިތުރަށް ރައްޔިތުންނަށް އަނިޔާވާކަށް," ރަޝީދު ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަންތައް އުފެއްދެވުމަކީ ރިޔާސީ ވައުދެއް ފުރިހަމަ ކުރެއްވުމުގެ ގޮތުން ކުރެއްވި ކަމެއް ނަމަވެސް މި ކޮމިޝަންތަކަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ދެއްވުމަށް މަޖިލީހުގެ ތެރެއިން އެއްވެސް އެއްބާރުލުމެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.