ސްވިޒަރލޭންޑްގެ ޖެނީވާގައި ހުންނަ އ.ދ. މަރުކަޒުގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 40 ވަނަ ސެޝަން ނިންމާލައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ނިމިގެންދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފްތާއަށް ކުރިއަށްދިޔަ މި ސެޝަންގައި ދިވެހިރާއްޖެއިން ވަރަށް ފުރިހަމައަށް ބައިވެރިވެފައިވާ ކަމަށާއި، ސެޝަންގައި ބައިވެރިވި ދިވެހި ވަފުދުން މި ސެޝަންގައި އެކި ދުވަސްމަތިން 21 ސްޓޭޓްމަންޓް އިއްވައި، ސެޝަންގައި ފާސްކުރެވުނު 29 ގަރާރުގެ މަޝްވަރާ ބައްދަލުވުންތަކުގައި އަމަލީގޮތުން ބައިވެރިވެފައި ވާނެ ކަމަށެވެ. މީގެ އިތުރުން މި ސެޝަންގައި ސެޝަންގެ ރިޕޯޓް ފާސްކޮށް، މެންޑޭޓް ހޯލްޑަރޒްގެ 4 މަޤާމަކަށް ފަންނީ މާހިރުން އައްޔަނުކުރެވިފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ނިމިގެންދިޔަ ސެޝަންގައި ދިވެހިރާއްޖެއިން 2 ޖޮއިންޓް ސްޓޭޓްމަންޓެއް ހުށަހަޅައިދީފައިވެއެވެ.
މީގެ ތެރެއިން ފުރަތަމަ ސްޓޭޓްމަންޓަކީ އަލަށް ޤާއިމްކުރެވުނު 14 ޤައުމުއެކުލެވޭ ހިއުމަން ރައިޓްސް ކައުންސިލް މެމްބަރޝިޕް ކޮންޓެކްޓް ގްރޫޕުގެ ފަރާތުން ކައުންސިލްގެ މެންބަރުކަން ކުރާ ޤައުމަކީ ކުދި ޤައުމުތަކުގެ ތެރެއިން ޤައުމަކަށް ހެދުމަށް ބާރުއަޅާ ސްޓޭޓްމަންޓެކެވެ.
ދެވަނަ ސްޓޭޓްމަންޓަކީ، ޖެނީވާގައި ހިންގާ ކުދި ޖަޒީރާ ޤައުމުތަކުގެ ގްރޫޕެއްގެ ފަރާތުން މަލްޓިލެޓަރަލް ފޯރަމްތަކުގައި މިހާރަށްވުރެ ފުރިހަމަ ރޯލެއް އަދާ ކުރެވެންވާނެ ކަމަށް ވަކާލާތުކޮށް، އެކަމަށް ބާރުއަޅުމުގެ ގޮތުން ދިން ސްޓޭޓްމަންޓެކެވެ. ދިވެހިރާއްޖޭއަކީ މި ދެ ގްރޫޕުގެވެސް މެމްބަރު ޤައުމެކެވެ.
މަހެއްހާ ދުވަހަށް ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 40 ވަނަ ސެޝަންގެ ހައިލެވަލް ސެގްމެންޓް ކުރިއަށްގޮސްފައިވަނީ ސެޝަންގެ ފުރަތަމަ ތިން ދުވަހުއެވެ. ރާއްޖޭގެ ފަރާތުން މި ސެޝަންގައި ބައިވެރިވި ވަފުދުގެ އެންމެ އިސް ވެރިއަކަށް ހުންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ. މިނިސްޓަރ ޝާހިދު ވަނީ މި ސެޝަންގެ ހައިލެވަލް ސެގްމަންޓުގައި ތަޤުރީރު ކުރައްވައި، ހައިލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގެންނެވި ޤައުމުތަކުގެ އިސް ވަޒީރުންނާއި ބައްދަލުކުރައްވާފައެވެ.
މިނިސްޓަރ ޝާހިދުގެ ތަޤްރީރުގައި ދިވެހިރާއްޖޭގެ ސަރުކާރުން އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ދިވެހިންނަށް ލިބިފައިވާ އަސާސީ ހައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން އިސްކަންދޭކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ޑިމޮކްރަސީގެ ތަނބުތައް އިތުރަށް ވަރުގަދަކުރުމުގެ މުހިއްމުކަމާއި ބެހޭ ގޮތުން އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އދގެ އެކި މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ދިވެހި ސަރުކާރުން ދީފައިވާ ދައުވަތުވެސް ތަކުރާރުކުރެއްވިއެވެ.
އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 40 ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގައި ހިމެނެނީ ދިވެހިރާއްޖޭއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، ޑރ. ހާލާ ޙަމީދާއި، ޖެނީވާ މިޝަންގެ ޑެޕިއުޓީ ޕާރަމަނަންޓް ރެޕްރެސެންޓޭޓިވް ހައުލާ އަހުމަދު ދީދީއާއި، ލަންޑަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ ޝާހިޔާ އަލީ މަނިކު އަދި، ޖެނީވާ މިޝަންގެ ފަސްޓް ސެކްރެޓަރީ އާއިޝަތު ޝަހުލާއެވެ.