ދައުލަތުގެ ފެން ކުންފުނި، މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އެންމެ ދުވަސްވީ މުއައްޒަަފު، ހ. ވިއޯލާ މުޙައްމަދު ޝާފިއު ނިޔާވެއްޖެއެވެ.
ޝާފިއު ނިޔާވިއިރު އޭނާގެ އުމުރުން 57 އަހަރެވެ.
ޝާފިއު ނިޔާވީ، އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް ތ. އަތޮޅުގެ ރިސޯޓަކަށް ގޮސް އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެން ހޮނިހިރު ދުވަހުގެ ފަތިހުއެވެ.
ޝާފިއު ނިޔާވުމުގެ ހިތާމައިގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް އޭނާގެ އެފްބީގައި ވިދާޅުވީ، މުހައްމަދު ޝާފިއު ނިޔާވުމާ ގުޅިގެން އެ ކުންފުނީގެ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ.
އާޒިމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ޝާފިއު ނިޔާވުމަކީ ކުންފުންޏަށް އިޔާދަ ނުކުރެވޭ ވަރުގެ އެސެޓެއް ގެއްލިގެން ދިއުންފަދަ ކަމެއް ކަމަށެވެ. ޝާފިއު ވަނީ މެދުނުކެނޑި 23 އަހަރު ކުންފުންޏަށް ހިދުމަތް ކުރައްވާފައި ކަމަށާއި އޭނާއަށް "މުޅި ތަން" އެނގިވަޑައިގަންނަވާނެ ކަމަށާއި އެއީ އަހުލާގު ރަނގަޅު، ކުންފުންޏަށް އިހްލާސްތެރި މުވައްޒަފެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
MWSC's flag will be flown at half-mast for the next 3 days, in remembrance of Mr. Mohamed Shafiu, Company veteran who was serving as the Customer Service Manager of MWSC.
— MWSC (@MWSC_Official) March 24, 2019
May his soul be blessed. Ameen! pic.twitter.com/MGPesk9Rd2
އެ ކުންފުނިން ނެރުނު ތައުޒިޔާގެ މެސެޖްގައި ބުނެފައިވަނީ އޭނާއަކީ އެކުންފުންޏަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެ ކުންފުނީގެ އެންމެ ދުވަސްވީ، ދިވެހި މުއައްޒަފު ކަމަށެވެ. އަދި މި ހިތާވެރި ދަނޑިވަޅުގައި ޝާފިއުގެ އާއިލާ އާއި އެކުގައި ވާކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ނިޔާވިއިރު ޝާފިއު މަސައްކަތް ކުރަމުން ދިޔައީ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް މެނޭޖަރުގެ މަޤާމުގައެވެ. ޝާފިއު އެ ކުންފުންޏާ ގުޅުނީ 1995 ވަނަ އަހަރުއެވެ.