ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗުއާ ތިއާން ޕޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، އާދިއްތަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައިވާ ގުޅުމުގެ މައްޗަށްއަލި އަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުންވެސް ޝައުޤުވެރިވާ ކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން އިންސާނީ ވަޞީލަތްތައް ތަރައްގީ ކުރުމާއި، ރީހެބިލިޓޭޝަނާއި، ސިއްހީ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާއާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.
މިބައްދަލުކޮށްލެއްވުމުގައި، ސިންގަޕޫރުގެ ސަފީރު ވަނީ ރާއްޖޭގެ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.