މި ދުވަސްވަރަކީ ވަރަށް ބޮޑަށް ހޫނު ގަދަ ދުވަސްވަރެއްކަމުން، ގަދަ ހޫނަށް ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްވަރެއް ކަމުން، ހޫނުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުމާއި ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ހޫނުން ރައްކާތެރިވުމަށް ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ދޫ ހެދުން ލުމަށާއި ބޭރުގައި ގިނަ ވަގުތު މަސައްކަތް ކުރާ ފަރާތްތަކުން ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނީ، ހޫނުން ރައްކާތެރިވުމަށް ކުޅިވަރު ކުޅުމާއި އެކިއެކި ހަރަކާތްތައް ބޭރުގައި ނުވަތަ އަވީގައި އިންތިޒާމު ކުރުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ފިނި ގަޑިތަކުގައި އެފަދަ އިންތިޒާމްތައް ކުރުމަށް އިލްތިމާސް ކުރާކަމަށެވެ.
އަދި އެންމެ ހޫނުގަދަ ގަޑިތަކުގައި އަވީގައި އުޅޭ މިންވަރު ވީހާވެސް މަދު ކުރުމަށާއި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިމާއި ހަކުރު އަދި ކެފެއިން ހުންނަ ބުއިންތައް ބޭނުން ކުރުމުން ދުރުހެލިވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެެއެވެ.
ހޫނު ގަދަވުމުގެ ސަބަބުން އެއްވެސް ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެޗްޕީއޭ އިން އެދެއެވެ.