Advertisement
ކ. މާލެ
|
24 މާރޗް 2019 | އާދީއްތަ 10:24
މަޖިލީހުގެ މަސައްކަތް ކުރިއަށް ދާނީ ކޮމިޓީތަކުގައި ހުރި މައްސަލަތައް ނިމުމުން ކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފައި
މަޖިލީހުގެ މަސައްކަތް ކުރިއަށް ދާނީ ކޮމިޓީތަކުގައި ހުރި މައްސަލަތައް ނިމުމުން ކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފައި
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް 2019
މަޖިލީހުގެ ޖަލްސާއެއް 27 މާރޗް ވާ ބުދަ ދުވަހަށް ތާވަލްކޮށްފި
ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ  އާއި އިނާޔާތްތައް މުރާޖައާކުރުމުގެ މައްސަލަ
18 މާރޗްގައި ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސިޓީ ކައުންސިލްތަކުގެ މުސާރަ ބޮޑު ކުރުމަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް 27 މާރޗް ވާ ބުދަ ދުވަހަށް ތާވަލް ކޮށްފިއެވެ. ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ކޮމިޓީތަކުން ހުށަހަޅާ މަސައްކަތުގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ  އާއި އިނާޔާތްތައް މުރާޖައާކުރައްވާ، އެ މައްސަލަ މާލިއްޔަތު ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓްއެވެ. ބުދަ ދުވަހުގެ ޖަލްސާއަށް ދެން އެޖެންޑާ ކޮށްފައިވަނީ ވޯޓަށް އެހުމަށް ހުރި ކަންތައްތަކަށް ވޯޓަށް އެހުމެވެ.

މަޖިލިސް ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މާރޗް 24 ގައެވެ. އެ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އެޖެންޑާ ކުރެވޭނީ ކޮމިޓީތަކުގައި ހުރި މައްސަލަތައް ނިމުމުން ކަމަށެވެ.

 

ބުދަ ދުވަހުގެ ޖަލްސާއަށް ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔާތް މުރާޖައާ ކުރައްވާ ، ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅަން ނިންމާފައިވާއިރު، 18 މާރޗްގައި ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ސިޓީ ކައުންސިލްތަކުގެ މުސާރަ ބޮޑު ކުރުމަށެވެ.

މާލިއްޔަތު ކޮމެޓީއިން ފާސްކޮށްފައި ވަނީ އެވަގުތު ހާޒިވެ ވަޑައިގެން ތިއްބެވި ހަތަރު މެމްބަރުންގެ ވޯޓުންނެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވަނީ ވޯޓު ދެއްވާފައެވެ.

ފުވައްމުލަކުއުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށައެޅުއްވީ ސިޓީ ކައުންސިލްގެ މުސާރައިގެ ތެރެއިން މޭޔަރަށް ލިވިންގ އެލަވަންސާއިއެކު 40،000ރ. ޑެޕިއުޓީ މޭޔަރަށް ލިވިންގ އެލަވަންސާއި އެކު 35،000ރ. އަދި މެމްބަރުންނަށް ލިވިންގ އެލަވަންސާއިއެކު 30،000ރ ދިނުމަށެވެ.

ސިޓީ ކައުންސިލްތަކުގެ މުސާރަ ދަށްކޮށްފައިވަނީ ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއިންނެވެ. އެކޮމެޓީއިން 2015 ވަނަ އަހަރުގެ އޮކްޓޯބަރ ފަސް ވަނަ ދުވަހު ނިންމި ނިންމުމުގައި ވަނީ ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތަކުން 50 ޕަސެންޓް އުނި ކުރުމަށެވެ.

އެނިންމުމާއެކު މިއަދާއި ހަމައަށް ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް މަހެއްގެ މައްޗަށް ލިބެނީ ލިވިންގ އެލަވަންސާއި އެކު 18،000ރ އެވެ. އަދި މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ސިޓީ ކައުންސިލްގައި ހިމެނޭ ޑެޕިއުޓީ މޭޔަރަކަށް ލިބޭނީ 14،000 ރުފިޔާ އެވެ. މީގެ އިތުރުން ސިޓީ ކައުންސިލް ތަކުގެ މެންބަރުންގެ މުސާރަ 11،500ރ. އެވެ.

މަޖިލީހުގައި މިހާރު ކުރަން އޮތް މަސައްކަތަކީ ކޮމިޓީން ހުށަހަޅާ، ރިޕޯޓްތަކުގެ މަސައްކަތް ކަމަށް ރިޔާސަތުން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދަން ބޭނުންވާ މުހިންމު ދެ ބިލެއް އަދިވެސް އޮތީ ކޮމިޓީ މަރްހަލާގައެވެ. ގާނޫނީ ހިދްމަތުގެ ބިލް ދެވަނަ ފަހަރަށް ކޮމިޓީއަށް ފޮނުވާއިރު، ބިލްގެ މަސައްކަތް ނިންމުމުގެ ސުންގަނޑި މި މަހުގެ 20 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. ބިލް ދިރާސާ ކުރަމުން އަންނަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވީ ސުންގަނޑި އިތުރުކުރަން ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޔާސީ ކޮމިޝަންތަކުގެ ބިލް ސުންގަނޑި ހަމަވުމުގެ ކުރިން މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށް އެ ބިލްގެ މަސައްކަތް ވެސް ދިރާސާކުރަމުން އަންނަ މިނިވަން މުއްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވަނީ ވިދާޅުވެފައެވެ. ރިޔާޒް ވިދާޅުވީ އަންނަ މަހު 15 އިގެ ކުރިން ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ދައުރު އަންނަ މަހު ނިމުމަކަށް އަންނައިރު، އެއާ އެކު 18 ވަނަ މަޖިލިސް ވެސް ނިމޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް