ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އިގެ ފައިނަލް ވޯޓަރސް ލިސްޓުގައި ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑަ އަޅާ ފަރާތްތަކުން ސޮއި އާދިއްތަ ދުވަހު ފެށުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ
އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހު ކޮށްފައިވާ ޓުވީޓެއްގައި ވާގޮތުން ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑަ އަޅާ ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 އިގެ ފައިނަލް ވޯޓަރސް ލިސްޓުގައި ސޮއިކުރުން އޮންނާނީ އިންތިޚާބާއި ބެހޭ މަރުކަޒުގެ ޓްރެނިން ހޯލްގައި މި ހިނގާ މާރިޗުމަހުގެ 25 24 މި 2 ދުވަހުގެ ހެނދުނު 08:30 އިން ރޭގަނޑު 10:30 އަށް އަދި 26 ވަނަ ދުވަހުގެ ހެނދުނު 08:30 ން 03:00 އަށެވެ.
މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވެ އެވެ. ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އީސީން ވަނީ ކުރިން އާއްމުކޮށްފަ އެވެ.
މިފަހަރުގެ އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު ފެބްރުއަރީ 21 ގައި ހަމަވި އިރު ޖުމްލަ 403 މީހަކު ފޯމު ލާފައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފަރާތްތަކުން ފަހުން ވަނީ ނަން އަނބުރާ ނަގައިފަ އެވެ.
މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް އެ ޕާޓީން ވެސް ފަހުން ވަނީ ބައެއް ދާއިރާތައް ދޫކޮށްލައިފަ އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން 42 ދާއިރާއަކަށް ވާދަކުރަން ފޯމް ހުށަހެޅި އެވެ. ޕީޕީއެމް، ޕީއެންސީ އަދި ޑީއާރްޕީ ކޯލިޝަނުން 50 ދާއިރާއަކަށް ވާދަކުރާ އެވެ. އެއީ ޕީޕީއެމް އާއި ޕީއެންސީގެ 46 ކެންޑިޑޭޓުންނާއި ޑީއާރްޕީގެ ފަސް ކެންޑިޑޭޓުންނެވެ.