ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް ކިޔާނެ ދިވެހި ތަރުޖަމާ ނަންތަކުގެ މަސައްކަތް ދިވެހި ބަހުގެ އެކަޑަމީން ނިންމައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނަންތަކާގުޅޭ ގޮތުން އެ އެކަޑަމީން ކުރަންޖެހޭ މަސައްކަތްތައް ނިންމައި ކަމާ ގުޅޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ.
ސަރުކާރުގެ އިދާރާތަކަށް ކިޔާނެ ދިވެހި ނަންތަކުގެ އަސާސީ މަސައްކަތް ނިންމާ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖަށް ފޮނުވާފައިވާ ކަމަށާއި އެ ކަރުދާސް ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ.
އަދި އިދާރާތަކަށް ދިވެހި ނަން ކިޔުމަށް އެކަޑަމީން ނިންމަން ޖެހޭ ގާނޫނީ މަސައްކަތްތައް ނިންމާފައިވާ ކަން އަޝްރަފް ވަނީ ފާހަގަ ކުރައްވާފައެވެ.
ވުޒާރާތަކަށް ޚާއްސަކޮށްގެން ދިވެހިން ވަކި ނަމެއް ކިޔަނީ ނޫން ކަމަށާއި، ގެންނަ ބަދަލަކީ އެތަންތަނުގެ ނަން ދިވެހި ބަހަށް ބަދަލުކޮށްލުން ކަމަށް އަޝްރަފް ވިދާޅުވިއެވެ.
މިގެންނަ ބަދަލު ތަކަކީ ވަރަށް ކުދި ކުދި ބަދަލު ތަކެއް. މި ސާލަކަށް ތައުލީމާއި ބެހޭ މިނިސްޓްރީގެ ބަދަލުގައި "ބެހޭ" ކަނޑާލާނީތޯ ނުވަތަ އިތުރު ބަހެއް ބޭނުން ކުރާނީތޯ. މިފަދަ ކުދި ކުދި ބަދަލުތައް ބި ގެންނަނީ" އަޝްރަފް ވިދާޅުވިއެވެ.
އެގޮތުން ބަދަލުތައް ގެންނައިރު މިހާރު ބޭނުން ކުރަމުން އަންނަ އިނގިރޭސި ނަންތަކަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަޝްރަފް ވިދާޅުވީ ވުޒާރާތަކުގެ ނަން ބޯޑުތައް ދިވެހި ބަހުން ލިޔެފައި ބެހެއްޓުމުގެ މަސައްކަތް ނިންމުމަށް އެކަޑަމީން މިވަގުތު މަސައްކަތް ކުރަމުންދަނީ އަންނަ އޭޕްރީލް 14 ވަނަ ދުވަހު ފާހަގަކުރުމަށް ނިންމާފައިވާ ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ކަމަށެވެ.
ސަރުކާރުން ބޭނުންވާނަމަ އޭޕްރީލް 14ގެ ކުރިން މިބަދަލު ގެނެވޭނެ ކަމަށާއި، އެއީ ގާނޫނަކަށް ބަދަލު ގެނެސްގެން ނިންމަންޖެހޭ ވަރުގެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އަޝްރަފް ވަނީ ވިދާޅުވެފައެވެ.