ރަށްރަށުގެ ސިއްހީ ޚިދުމަތް ތަރައްގީކުރުމަށް މި ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ގދ. ގައްދޫ ސިއްހީ މަރުކަޒާއި، ތ. ތިމަރަފުށި ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒައިންކޮށް ބީއޯކިޔު ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތައް އޭޕްރީލްވާ 1 ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް ހެލްތް މިނިސްޓްރީން މައުލޫމާތު ސާފުކުރުމަށްފަހު އޭޕްރީލް 8 ވާ ހޯމަ ދުވަހު ހެނދުނު 11:00 މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
މައުލޫމާތު ސާފުކުރުމަށް ނާންނަ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅަން ނާންނަ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ ޚިދުމަތް ރަނގަޅުކުރުމަށް މިހާރު ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެ ގޮތުން މީގެ ކުރިން ސަރުކާރުން ވަނީ ޅ. ހިންނަވަރާއި ނ. ވެލިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިއުލާނުކޮށްފައެވެ.