އެމްޑީޕީ ކެންޑިޑޭޓުންގެ ޖަގަހަތަކަށް ހަމަލާދެނީ ކޮން ބައެއްކަން އެނގުނަސް ރައްދު ނުދިނުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މައްޗަންގޮޅި ދެކުނު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ހައިތަމްގެ ކެމްޕެއިން ޖަގަހައަށް ބަޔަކު ހަމަލާދިން ފޮޓޯ ޓްވީޓް ކުރައްވަމުން ނަޝީދު ވިދާޅުވީ އެ ކަންކަން ކުރަނީ ކޮން ބައެއްކަން އެނގުނަސް އެމްޑީޕީގެ އެއްވެސް މެމްބަރަކު އަދި ސަޕޯޓަރަކު ވިޔަސް ރައްދު ނުދިނުމަށާއި ކެތްތެރިވެ، ހިތްވަރުގަދަ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށާއި އެޖެންޑާ19 ތަފާތުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
MDP candidatunge jagaha thakah hamalaadhin namaves adhi ekankan kuranee konbaeh kan ingunas, MDP ge evves membereh adhi supportereh rahdhu nudhevvun varah edhen. Kehtheri velavvaa, hivvaru gadha kuravva. Iraadhafulhun MDP kaamiyaab kuraane. #Agenda19 thafaathu vaane pic.twitter.com/vZuXszf4cV
— Mohamed Nasheed (@MohamedNasheed) March 23, 2019
މަޖިލިސް އިންތިހާބަށް ދެ ހަފްތާއަށް ވެފައިވާއިރު، ކެމްޕެއިން ފޯރިގަދަވެ، ކެންޑިޑޭޓުންގެ ޖަގަހަތަކަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އެގޮތުން އިސްކަންދަރުމަގު، މައްޗަންގޮޅި ދެކުނު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ އަހުމަދު ހައިތަމްގެ ކެމްޕެއިން ޖަގަހައަށް ބަޔަކު ވަނީ ހަމަލާދީ އެތަނުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ. ޕީޓްރަލް ހޮޓާ ކައިރީގައި ހުންނަ ޖަގަހަށް ހަމަލާ ދިނުމުގެ އިތުރުން ކެމްޕެއިން ބެނާތައް ވެސް ބަޔަކު ވަނީ ނައްޓާލާފައެވެ.
މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ މީކާއިލް އަހުމަދު ނަސީމްގެ ޖަގަހައަށް ވެސް މީގެ ކުރިން ބަޔަކު ވަނީ ހަމާލާދީފައެވެ. އަދި ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ހުސައިން ޝަހީމް (އަދުން ހުސައިން)ގެ ކެމްޕެއިނަށް ވެސް ބަޔަކު ވަނީ ހުރަސް އަޅާފައެވެ.