Advertisement
ކ. މާލެ
|
23 މާރޗް 2019 | ހޮނިހިރު 09:11
ރައީސް ސޯލިހު އެމްޑީޕީގެ ޓިކެޓްގައި ރ. އަތޮޅުގެ ފަސް ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު
ރައީސް ސޯލިހު އެމްޑީޕީގެ ޓިކެޓްގައި ރ. އަތޮޅުގެ ފަސް ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު
އަމަން ހަލީމް
އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް
ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިތިބޭނަން: ރައީސް
ނިމިދިޔަ ސަރުކާރުގައި ފެނުނީ ތަރައްގީގެ ނަމުގައި ވެރިންގެ ޖީބު ފުރިގެން ދިޔަ މަންޒަރު ކަމަށް ވިދާޅުވި
ރ. އަތޮޅުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި
ބަޖެޓުގައި ހިމެނިފައިވާ ހުރިހާ މަޝްރޫއެއް ފައްޓަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި

އެއްވެސް ފިކުރަކަށް ކުޑަވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި މި ސަރުކާރު ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އަލިފުށީގައި އޮތް އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ނިމުނު ވެރިކަމުގެ ތެރޭގައި ރާއްޖޭގެ ރަށްތަކަށް ތަރައްގީ އައިސްފައި ވަނީ އެއްވެސް ހަމަހަމަ ކަމެއް ނެތި ކަމަށެވެ. ރައީސް ވިދާޅުވި މި ވެރިކަމުގައި އެކަންކަން ބަދަލުކޮށް، ވެރިކަމުގެ ފަސް އަހަރު ނިމިގެންދާ އިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އިދިކޮޅު ފަރާތްތަކުން މި ސަރުކާރުން "ބޮޑު" އެއްވެސް ކަމެއް ނުކުރާ ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ދައްކަނީ ވައްކަމުގެ ވާހަކަ ކަމުގައި ވަނީ ނަމަ އެއީ ތެދެއް ކަމަށެވެ. ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ތަރައްގީގެ ނަމުގައި ހިންގި ހުރިހާ މަޝްރޫއުތަކުން ވެސް ފެނިގެން ދިޔައީ ވެރިންގެ ޖީބުތައް ފުރިގެން ދިޔަ މަންޒަރު ކަމަށެވެ. އަދި މި ސަރުކާރުގައި އެކަން ތަކުރާރު ވިޔަ ނުދެއްވޭނެ ކަމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ރ. އަތޮޅަކީ ވެސް ބޯޑު އަތޮޅެއް ކަމަށާއި އެ އަތޮޅުގެ ތަރައްގީއަށް ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެ މަނިކުފާނު ވަނީ ރ. އަތޮޅުގެ ތަރައްގީއަށް މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ހުރިހާ މަޝްރޫއެއް ފެށިގެން ދާނެ ކަމުގެ ޔަގީންކަން ރ. އަތޮޅުގެ ރައްޔިތުންނަށް އަރުވާފައެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ އިންތިހާބުގެ ފަހުން މި އަތޮޅަށް އާދެވުނު ފުރަތަމަ ފަހަރު ކަމުން ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވެ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރ. އަތޮޅުގެ ރައްޔިތުން އެ މަނިކުފާނަށް ދެއްވިި ވޯޓަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މީގެ ކުރިން އެމްޑީޕީއަށް މި އަތޮޅު ތަމްސީލުކުރަން ލިބުނީ އެއްމެ ގޮނޑިއެއް ކަމަށާއި އުއްމީދަކީ މި ފަހަރު މިކަން ބަދަލުވެގެން ދާނެ ކަމަށް ވިދާޅުވެ އެ އަތޮޅުގެ ރައްޔިތުން އަރިހުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވަން އެދިވަޑައިގެންފައެވެ.

ރައީސް ސޯލިހު ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ށ. އަތޮޅުގެ ދާއިރާތަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ފައްޓަވައިދެއްވުމަށް ށ. އަތޮޅަށެވެ. އެ ގޮތުން ރައީސް އެއްމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅު ކޮމަންޑޫއަށެވެ. އެ އަށް ފަހު އެ އަތޮޅު ފުނަދޫ އަދި ފޯކައިދޫއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް